ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބޭރުގައި އޮންނަ މަހަރަ ޖަލުގައި ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުމެއްގައި ގައިދީއަކު މަރުވެ، އިތުރު ހަ މީހަކަށް އަނިޔާވެއްޖެއެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޖަލުގެ މަސްލަހަތު ގޯސްވުމާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ ކޮމާންޑޯއިންނާއި އަސްކަރިއްޔާގެ ސިފައިން ވަނީ ޖަލު ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަނިޔާވި ގައިދީން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ލަންކާގެ އެހެން ޖަލެއްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި 21 ގައިދީންނާއި 10 ޖަލު އޮފިސަރުން މަރުވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. މިކަމުގެ ސަބަބުން ލަންކާގެ ޖަލުތަކުގެ ސަލާމަތީ ކަންކަމާއި، ޖަލުތައް ތޮއްޖެހިފައިވާ މައްސަލައާ މެދު ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
މަހަރަ ޖަލަކީ މީގެ ކުރިންވެސް މިފަދަ ހަމަނުޖެހުންތައް ހިނގާފައިވާ ތަނެކެވެ. އެގޮތުން 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި 11 ގައިދީން މަރުވެ 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އެ ފަހަރު ސަރުކާރުން ވަނީ ޖަލު ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަތޭކައެއްހާ ގައިދީން މިނިވަންކޮށްފައެވެ.
ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ސްރީލަންކާގެ ޖަލުތަކުގައި ކަނޑައެޅިފައިވާ އަދަދަށްވުރެ ހަތަރު ގުނަ އިތުރަށް މީހުން އެބަތިއްބެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ބޭނުންނުކުރާ އިމާރާތްތައް ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.



