ޔޫކްރެއިނުން ރަޝިޔާގެ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފިއެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ރަޝިޔާގެ ކްރަސްނޯޑާ ސަރަހައްދަށާއި ރަޝިޔާއިން ކޮންޓްރޯލްކުރާ ކްރައިމިއާ އަށެވެ.
ރަޝިޔާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ކްރަސްނޯޑާ ސަރަހައްދުގެ ބީޗް ސަރަހައްދަކަށް ދިން ހަމަލާއެއްގައި ހަ މީހަކު މަރުވެފައިވާއިރު، ކްރައިމިއާގައި ތިން މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި ޔޫކްރެއިނުން މި ހަމަލާތައް އަމާޒުކުރީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޔޫކްރެއިނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތަކުގައި ރަޝިޔާގެ އަސްކަރީ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށްވެސް ވަނީ އަމާޒުކޮށްފައެވެ. އޭގެ ތެރޭގައި އެންގްލްސް އެއާ ބޭސް އާއި ސަރަޓޯވް ތެޔޮ ސާފުކުރާ ކާރުޚާނާ ހިމެނެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، މި ހަމަލާތަކުގެ ބޭނުމަކީ ރަޝިޔާގެ އަސްކަރީ ލޮޖިސްޓިކްސް ބަލިކޮށްލުމާއި، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރަޝިޔާއަށް އޮތް ގާބިލުކަން ކުޑަކުރުން ކަމަށެވެ.
ޔޫކްރެއިންގެ ހަމަލާތަކާ އެކު، ރަޝިޔާއިންވެސް ވަނީ ޔޫކްރެއިންގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ޒަޕޮރީޜިއާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ގައިޑެޑް ބޮން ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި އެކަކު މަރުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވިއެވެ. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައި މިވަނީ، ސުލްހައިގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ދަނޑިވަޅެއްގައެވެ. ދެ ފަރާތުންވެސް މިހާރު ދަނީ އެއް ގައުމު އަނެއް ގައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ޑްރޯންގެ ބޭނުން އިތުރަށް ކުރަމުންނެވެ.



