އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނުގެ ދެ އާއިލާއަކަށް ނިސްބަތްވާ 112 މީހުންގެ ޖަނާޒާ އެއްކޮށް ބާއްވައިފިއެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
މި މީހުންގެ ހަށިތައް ފެނިފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ މީހުން ދިރިއުޅޭ ސަރަހައްދެއްގެ އިމާރާތްތަކުގެ ކުނިތަކުގެ ދަށުންނެވެ. މި ހިތާމަވެރި ޖަނާޒާގައި ބައިވެރިވި ޣައްޒާގެ ރައްޔިތުންނާއި އާއިލާތަކުގެ މެންބަރުން ވަނީ، އެއް ހަމަލާއެއްގައި މުޅި އާއިލާތައް ނެތިދިއުމުގެ ހިތާމަ ފާޅުކޮށްފައެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 73,000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، ގިނަ އަދަދެއްގެ ހަށިތައް އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އެހެންކަމުން، މި ހަނގުރާމައިގައި މަރުވި މީހުންގެ އަސްލު އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވެއެވެ.



