އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި ފަސް މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ބިންހެލުން އައިސްފައިވަނީ އީސްޓް ނޫސާ ތެންގާރާ ސަރަހައްދުގެ ފްލޯރެސް އައިލެންޑްގެ ނަގެކެއޯ ކައިރިއަށެވެ.
އިންޑޮނޭޝިއާގެ ގަޑިން ހެނދުނު 4:58 ހާއިރު އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 15 ކިލޯމީޓަރު އަޑީންނެވެ. ބިންހެލުމާއި ގުޅިގެން އެގައުމުގެ މީޓިއޮ ރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް، ތިން ގަޑިއިރު ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ. ސުނާމީގެ އިންޒާރު ނެރުނު ވަގުތު އެންޑޭގެ މޯރޯލް ސަރަހައްދަށް 0.94 މީޓަރުގެ އުސް ރާޅުތަކެއް އަރާފައިވެއެވެ.
މި ހާދިސާގައި ފަސް މީހުން މަރުވެފައިވަނީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓިގެންނެވެ. އަދި ހާދިސާއާ ގުޅިގެން 2,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. މީގެ އިތުރުން ސަރަހައްދުގެ ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް މެދުކެނޑި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މައި ބިންހެލުމަށް ފަހުވެސް ގިނަ އަދަދެއްގެ ކުދި ލޮޅުންތައް އަންނަމުންދާއިރު، އޭގެ ތެރޭގައި 6.1 މެގްނިޓިއުޑްގެ ބާރުމިނުގެ ލޮޅުމެއްވެސް ހިމެނެއެވެ. އެހެންކަމުން އެ ސަރަހައްދުގެ ރައްޔިތުން އިތުރަށް ސަމާލުވެ ތިބުމަށް ކަމާބޭހޭ ކްރައިސިސް އޮތޯރިޓީތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



