ފިލިޕީންސްގެ ދެކުނުގައި އޮންނަ ޒަމްބޯންގާ ސިޓީގެ އެޓެނިއޯ ޑި ޒަމްބޯންގާ ޔުނިވަރސިޓީއާ ގުޅިފައިވާ ހައިސްކޫލެއްގައި އަންގާރަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި ދެ ދަރިވަރުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގްރޭޑް 9 ގައި ކިޔަވަމުންދިޔަ ދަރިވަރަކު ފިސްތޯލައަކާއި ރައިފަލެއް ހިފައިގެން ސްކޫލް ކެމްޕަހަށް ވަދެ، ކްލާސްރޫމެއްގެ ތެރެއަށް ބަޑިޖެހުމާ ގުޅިގެންނެވެ. މި ހަމަލާގައި އެ ދަރިވަރު ވަނީ އޭނާއަށް ވުރެ މަތީ ގްރޭޑެއްގައި ކިޔަވާ ފިރިހެން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު، އަމިއްލައަށް މަރުވެފައެވެ.
ޔުނިވަރސިޓީގެ ރައީސް އަރނަލްޑް އަންދާލް ވިދާޅުވީ، ހާދިސާއަށްފަހު މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މި ހާދިސާގައި އިތުރު އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ފިލިޕީންސްގެ ސްކޫލެއްގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު ޓެކްލޯބަން ސިޓީގައި ދިން މިފަދަ ހަމަލާއެއްގައި 3 ދަރިވަރުން މަރުވެ، ގާތްގަނޑަކަށް 20 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން މި ހާދިސާ ހިނގާފައި މިވަނީ އަވަށްޓެރި ތައިލެންޑްގެ ބެންކޮކްގެ ބޭރުގައި ހުރި ސްކޫލެއްގައިވެސް މިފަދަ ބަޑީގެ ހަމަލާއެއް ހިނގާފައިވަނިކޮށެވެ.
ފިލިޕީންސްގައި ހަތިޔާރު ގެންގުޅުމުގެ ހަރުދަނާ ގަވާއިދުތަކެއް ހަމަޖެހިފައި އޮންނާތީ، މިފަދަ ސްކޫލް ބަޑިޖެހުމުގެ ހާދިސާތަކަކީ އެ ގައުމުގައި އާންމުކޮށް ހިނގާ ކަންކަމެއް ނޫނެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމަކީ އަދިވެސް އެ ގައުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.



