ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލާފައިވާ ރޯޑްމެޕް ލަސްނުކޮށް، ވަގުތުން ތަންފީޒުކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
މިކަމާ ގުޅިގެން ހޯމަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ރޯޑްމެޕް ބަލައިގަތުމަށް އިސްރާއީލުން ދެކޮޅުހެދުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެޅޭ ހުރަހެކެވެ. އަދި އޭގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ލަސްވެގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި ރޯޑްމެޕަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް” ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ޕްލޭނަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2803 ގެ ދަށުން ބަލައިގަނެ، ތާއީދުކޮށްފައިވާ ޕްލޭނެކެވެ.
ފަލަސްތީނުގެ ފަރާތުން މި ރޯޑްމެޕް ބަލައިގަތުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައެވެ. މީގެއިތުރުން، މި މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ސައޫދީ ޢަރަބިއްޔާ، ޤަޠަރު، މިޞްރު އަދި ތުރުކީވިލާތުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައްވެސް ރާއްޖެއިން ވަނީ ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ޕްލޭން ތަންފީޒުކުރުމަކީ ޣައްޒާގައި މިހާރު އޮތް އިންސާނީ ކާރިސާއަށް ހައްލެއް ހޯދުމަށާއި، އެ ސަރަހައްދު އަލުން އާރާސްތުކުރުމަށާއި، އަދި ހަމަޖެހުން ޤާއިމުކުރުމަށް އެޅިގެންދާނެ މުހިންމު ބާރެއް ކަމަށެވެ.
މީގެއިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ކުރާ ތާއީދު މި ބަޔާނުގައި ވަނީ އަލުން ތަކުރާރުކޮށްފައެވެ.



