އޮކްޓޫބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު މަދުވެގެން 74,772 އަށް އަރައި، 176,298 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތާއި ޣައްޒާ ގަވަރމަންޓް މީޑިއާ އޮފީހުން މިދިޔަ ހުކުރު ދުވަހު އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ވީނުވީއެއް ނޭނގި އެތައް ހާސް ބަޔަކު އަދިވެސް އެބަތިއްބެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 10، 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް، އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 1,705 މީހުން ޝަހީދުވެ، އިތުރު 6,163 މީހުން ވަނީ ޒަޚަމްވެފައެވެ.
އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ ކޮންމެ 30 މީހަކުން އެކަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އާބާދީގެ ކޮންމެ 13 މީހަކުން އެކަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ޒަޚަމްވި ގިނަ މީހުންނަށް ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެ، މުޅި އުމުރަށް އޭގެ އަސަރު ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.



