މެލޭޝިޔާގައި އެއްއަހަރުގެ ތުއްތު ކުއްޖަކަށް ކިނބުލެއް ހަމަލާދީ ކާލައިފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހުސްވި ބުރާސްފަތި ދުވަހު މެލޭޝިޔާގެ ސަބާގައި ހުންނަ ލަހަދްދަތޫގަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ ކުއްޖާގެ ބައްޕަ ކަމަށްވާ 45އ. މޮހޭރަތް އާއެކު ކެނޯ ދުއްވާލަން ނުކުމެ އުޅުމުގެ ތެރޭގައެވެ. އެގޮތުން ކިނބޫވަނީ ކެނޯއަށް ކުއްޖާ ޖަހައިގެން ކޯރުގެ ތެރެއަށް ގެންގޮސްފަ އެވެ.
ދަރިފުޅު ސަލާމަތް ކުރުމަށް އެ ކުއްޖާގެ ބައްޕަ ކޯރަށް ފުންމާލުމުން ކިނބޫވަނީ އެ ކުއްޖާގެ ބައްޕައަށްވެސް ހަމަލާދީފަ އެވެ. އެއަށްފަހު ކުއްޖާ ދަމާފައި ފެނުގެ އެތެރެއަށް ގެންދިޔައީކަމަށް ބައްޕަ ވަނީ ބުނެފަ އެވެ.
އޭގެފަހުން ވަނީ ސޯޝަލް މީޑިޔާގައި ކިނބުލެއްގެ ތުނބުގައި ކުޑަ ފިރިހެން ކުއްޖެއްގެ ހަށިގަނޑު ލައިގެން މި ކޯރުގެ ތެރޭގައި އޮންނަ ވީޑިޔޯއެއްވެސް ވައިރަލް ވެފައެވެ. ލަފާ ކުރެވޭގޮތުގައި މިއީ އެ ތުއްތު ކުއްޖާއެވެ.
ފުލުހުން އަދިވެސް ދަނީ ހުއްޓާނުލާ މި ތުއްތު ކުއްޖާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި ކުއްޖާ ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކިނބޫ ހަމަލާދިންއިރު އޮތް ކޯރަކީ އެ ހިސާބުގަނޑުގެ ގިނަ ބަޔަކު ކާބޮއެ އުޅުމަށާއި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ކޯރެކެވެ. އެހެންނަމަވެސް ކިނބޫ އަާތުލައިގެންފައި ނުވުމާއި ގުޅިގެން އޮފިޝަލުން ވަނީ އާއްމުން ވީހާވެސް މި ކޯރާއި ދުރުން އުޅުމަށް އިލްތިމާސް ކޮށްފަ އެވެ.



