އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފަށްޓަވަމުން، ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލާދެއްވައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ބޮޑެތި ޚަރަދުތައް ހިނގާނެތީ އިތުރަށް ބަޖެޓު ބަދަލުކުރެވެން ނެތް ކަމަށެވެ.
“މިއަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ އިތުރަށް ބަޖެޓަށް އިތުރު ކުރެވެން ނެތް ކަމަށް. އެހެން ނަމަވެސް މަޖިލީސް އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ބަޖެޓުގެ ތެރެއިން އެޖަސްޓް ކޮށްގެން ހަމަޖައްސާ ގޮތަށް،” އޭނާ ވިދާޅުވި އެވެ.
ކޮމިޓީން ބަޖެޓު ދިރާސާކޮށް ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
ފުރަތަމަ ހުށަހެޅުމަކީ ޚާއްސަ ބަޖެޓުގެ ތެރެއިން ކަޅުބިލަމަހުގެ މަސްވެރިންނަށް ޚާއްސަކޮށް 120 މިލިއަން ރުފިޔާ ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިންނަށް 165 މިލިއަން ރުފިޔާ ދިނުމަށާއި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާ ދިނުމަށެވެ.
ދެވަނަ ހުށަހެޅުމަކީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ ލަފައެއް ހިމެނުމަށެވެ.
ބަޖެޓުގެ މުހިއްމު އަދަދުތައް
ޖުމްލަ ބަޖެޓް: 64 ބިލިއަން ރުފިޔާ
ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ
ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ
ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ
ޑެފިސިޓް: 8.8 ބިލިއަން ރުފިޔާ
ޖީޑީޕީ ކުރިއަރާ މިންވަރު: 5.3 ފަސެންޓް



