ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ. މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ސަލީމް މި މަގާމަށް އިންތިހާބުވީ 62 މެންބަރުންގެ ތާއީދާ އެކުގަ އެވެ. ސަލީމާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މި އިންތިހާބުގައި ދެ ވޯޓެއް ބާތިލްވެފައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
އާ ނައިބު ރައީސް އިންތިހާބު ކުރުމަށް މިއަދު ބޭއްވި ޖަލްސާގެ ކަންކަން ބެލެހެއްޓީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީއަކުންނެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ސަލީމް މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާގަ އެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުވުމާ އެކު، އޭނާ ވެގެންދާނީ މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސަށެވެ.



