- Advertisement -ad image

އެމްއެމްޕީއާރްސީން އޯޓީއެމް މުމްބާއީގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި އިންޑަސްޓްރީގެ 33 ކުންފުންޏެއްގެ 50 މަންދޫބުން ހިމެނޭގޮތަށް  އިންޑިއަން ޓްރެވަލް ޓްރޭޑް އިވެންޓް، އޯޓީއެމް މުމްބާއީގަ ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލައިފި އެވެ.

މި ހަރަކާތަކީ ފެބްރުއަރީ މަހުގެ 8 އިން 10 އަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބީޓޫބީ ޓްރެވަލް މާޓެއް ކަމަށްވާ އޯޓީއެމް އަކީ އިންޑިއާގައި ބާއްވާ ޓްރެވަލް ޓްރޭޑް ގަންނަ ފަރާތްތަކާއި ޕްރޮފެޝަނަލުންގެ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް އެއްވުމެވެ. މި ހަރަކާތުގެ ސަބަބުން ޒިޔާރަތްކުރާ ފަރާތްތަކަށާއި އެގްޒިބިޓަރުންނަށް އިންޑިއާ އާއި އެނޫން ވެސް ގައުމުތަކުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި އިންޑަސްޓްރީގެ އިސްފަރާތްތަކާ ގުޅިގެން ވިޔަފާރި ގުޅުން ބަދަހިކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ.

މި ހަރަކާތުގައި އެމްއެމްޕީއާރުސީގެ އަމާޒަކީ އިންޑިއާގެ ފަތުރުވެރިންގެ ހުރިހާ ސެގްމަންޓަކަށް ވެސް އެންމެ ކަމުދާ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުން ކަމަށް ބުނެފައި ވެއެވެ.

އަދި އޯޓީއެމްގައި ބައިވެރިވުމަކީ އިންޑިއާގެ މާކެޓުން ޓްރެވަލް ޓްރޭޑާ ގުޅާލައި، ރާއްޖެއާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ރާއްޖޭގައި ލިބެން ހުރި ތަފާތު ޓޫރިޒަމް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ތަޖުރިބާތައް ހިއްސާކުރުމަށް އެހީތެރިވެދޭ ކަމެއްގެ ގޮތުގައި އެމްއެމްޕީއާރްސީ އިން ވަނީ ސިފަކޮށްފަ އެވެ. މީގެ އިތުރުން އިންޑަސްޓްރީ ޕާޓްނަރުންގެ ފަރުދީ ސިފަތަކާއި ތަފާތު އުފެއްދުންތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދޭކަމަށް ބުނެފައި ވެއެވެ.

އޯޓީއެމް 2024 ގައި ރާއްޖޭގެ ސްޓޭންޑްގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް ޓްރޭޑްގެ މުހިންމު ފަރާތްތަކާއި އެހެނިހެން ޕާޓްނަރުންނާ އެކު ބައްދަލުވުންތަކާއި މީޑިއާ އިންޓަވިއުތަކާއި އެހެނިހެން ހަރަކާތްތައް ހިމެނެ އެވެ. ރާއްޖޭގެ ސްޓޭންޑްގައި ގެސްޓްރޮނޮމިކަލް ތަޖުރިބާތައް ވެސް ހިމަނާފައިވާއިރު، މި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތަކުގެ ސާމްޕަލް ނެގުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. 31 ޑިސެމްބަރު 2023 ގެ ނިޔަލަށް އެ ޤައުމުން 208،876 ޓޫރިސްޓުން އައިސްފައިވާއިރު މިއީ ޖުމްލަ މާކެޓް ހިއްސާގެ 14.4 ޕަސެންޓެވެ.

އެމްއެމްޕީއާރުސީން ބުނީ އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން ތަފާތު ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިން ފަދަ ހަރަކާތްތައް؛ ބޮޑެތި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުން؛ މީޑިއާ އިންޓަވިއުތައް؛ އިޝްތިހާރު ކެމްޕެއިންތައް؛ ޓީވީ އަދި އޮންލައިން ޕްރޮގްރާމްތައް؛ އަދި 2024 ވަނަ އަހަރުގެ ތެރޭގައި އެރައިވަލްސް އިތުރުކޮށް، އިންޑިޔާގެ މާކެޓުގައި ޑެސްޓިނޭޝަން މޮމެންޓަމް ދެމެހެއްޓުމަށް ޓަކައި ފެމިލިއަލައިޒޭޝަން ޓްރިޕްތައް ބޭއްވުމަށް ވަނީ ރާވާފައިވާކަމަށް ބުނެފައި ވެއެވެ.

މި މާކެޓިން އިނީޝިއޭޓިވްތަކުގެ އަމާޒަކީ އިންޑިއާގެ ދަތުރުވެރިންގެ އެއް ވަނަ ޑްރީމް ވެކޭޝަން ސްޕޮޓްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާ ކުރުން ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ