ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށާއި ސްޓޮޕްއޯވާތަކަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ރާވާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ސިީއއޯ ފާތުމަތު ތައުފީގު ވިދާޅުވެއްޖެއެވެ.
އައިޓީބީ ބާލިން 2024 ގެ ހަވާސާގައި މިއަދު ބޭއްވި މޯލްޑިވްސް މީޑިއާ މީޓްގައި ވާހަކަފުޅު ދައްކަވަމުން ފާތުމަތު ތައުފީގު ވަނީ 2023 ވަނަ އަހަރު ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ވިދާޅުވެފައެވެ.
އެކަމަނާ ވިދާޅުވީ، އެމްއެމްޕީއާރުސީން ފަތުރުވެރިކަމުގެ އާ ދާއިރާތައް ކަމަށްވާ ސަގާފީ، ކުޅިވަރު އަދި މެޑިކަލް ޓުއަރިޒަމް ކުރިއެރުވުމަށާއި، ގިނަ މަސްލަހަތުތަކެއް ފުއްދައިދިނުމަށާއި، ފަތުރުވެރިކަމުގެ ތަފާތު މަންޒަރެއް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމައެއާއެކު، ނޯޓިކަލް ޓުއަރިޒަމް ފަދަ މިހާރު ހުރި ސެގްމަންޓްތައް ހަރުދަނާކޮށް، ރާއްޖެއަކީ އެކި އެކި ޓްރެވަލް ސްޓައިލްތަކަށް އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ވެސް އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފާތުމަތު ތައުފީގު ވިދާޅުވީ، މާލެ އާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތައް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، ހާއްސަކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށާއި ސްޓޮޕްއޯވާތަކަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އަދި މަސައްކަތުގެ ޗުއްޓީ އަށް ދަތުރުކުރާ ފަތުރުވެރިންގެ އިތުރުން ޝޯޓް ސްޓޭ އަދި ސްޓޮޕްއޯވާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން އިތުރު ތަފާތު އުފެއްދުންތަކާއި ތަޖުރިބާތަކަށް ވެސް ހުޅުވިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެންމެފަހުން އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމެއް ހިންގަވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
ފާތުމަތު ތައުފީގު ވަނީ އެމްއެމްޕީއާރުސީގެ ފުރަތަމަ އަންހެން ސީއީއޯ އަދި އެމްޑީގެ ހައިސިއްޔަތުން، ޗެއާޕާސަން ހިމެނޭ ގޮތަށް އަންހެނުންގެ އަޣުލަބިއްޔަތު އޮންނަ ބޯޑެއްގައި އިސްކޮށް ހުންނެވުމަކީ އެކަމަނާގެ ފަޚުރުވެރިކަން ފާހަގަކުރައްވައި، މި މުހިންމު ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މިސާލެއް ކަމަށް ވިދާޅުވެފައެވެ.
އަދި ޒިންމާދާރު އަދި އެންމެން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
ވިޒިޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި މި ޕްރެސް ކޮންފަރެންސްގައި އިސްކޮށް ހުންނެވީ ފާތުމަތު ތައުފީގެވެ.