ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު 40 އަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ހަމައަށް 40 އެއާލައިނަކުން ރާއްޖެ ދަތުރުތައް ބާއްވަމުން އަންނަ އިރު، އެންމެ ގިނަ އެއާލައިންތައް އޮޕަރޭޓް ކުރަނީ ޔޫރަޕާއި މެދުއިރުމަތިންނެވެ. މެދުއިރުމަތީގެ ނުވަ އެއާލައިނަކުން ދަތުރުތައް ބާއްވަމުން އަންނަ އިރު، ޔޫރަޕްގެ ހަތް އެއާލައިނަކުން ދަތުރުތައް ބާއްވަ އެވެ
އަދި މީގެ އިތުރުން، ޗައިނާއާއި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަނީ 3 އެއާލައިންކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް ދަތުރުކުރި އެއާލައިންތަކުގެ އަދަދަކީ 36 އެވެ.
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 936،258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވައިވާއިރު މިދިޔަ އަހަރުގެ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 854،405 ފަތުރުވެރިންނެވެ.



