ޗައިނާގެ، ޗޮންޗިންގް އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.
އިއްޔެ އައި ޗައިނާގެ ޗޮންޗިން އެއާލައިންގެ ފުރަތަމަ ބޯޓުގައި 82 ފަސިންޖަރުންވަނީ ރާއްޖެއަށް އައިސްފަ އެވެ. އެމީހުންނަށް ރާއްޖޭގެ ވައިގެ ބަދަރުން މަރުހަބާކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ފައިސަލްއާއި ވެލާނާ އެއާޕޯޓްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފްގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ މުހައްމަދު ޝިއުރީ އެވެ.
ގާތްގަޑަކަށް 31 މިލިޔަން މީހުން އުޅޭ ޗޮންޗިން ސިޓީއަށް ނިސްބަތްވާ މި އެއާލައިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާނީ ލަންކާގައި ޓްރާންސިޓް ކުރުމަށްފަހުއެވެ.
އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް ކޮންމެ ހަފުތާއަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްއޭސީއެލްއިން އަބަދު ވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށެވެ.
މިރަސްމިއްޔާތުގައި ޗޮންޗިންގ އެއަރލައިންގެ ވައިސް ޕްރެޒިޑެންޓް ޖިންގޕިން ވަނީ ޗޮންޗިންގް ސިޓީއާއި ރާއްޖެއާއި ގުޅުވާލުމުން އުފެދިގެންދާނެ އިގްތިސާދީ ފުރުސަތުތަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޗޮންގޗިން ސިޓީއަކީ ޗައިނާގެ އިޤްތިސާދީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއާލައިންސްގެ ދަތުރުތައް މިއަދު އަލުން ފަށާފައިވާއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން މި އެއާލައިންސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.