މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހޮޓެލް ޖެން އާއި ގުޅިގެން ފުރަތަމަ ފަހަރަށް އޯލް ވިމެން މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
އޯލް ވިމެން މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އަކީ މަޓާޓޯއިން ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024އަށް މުޅިން އަލަށް އިތުރުކުރި އަންހެނުންނަށް ހާއްސަ އެޑިޝަނެކެވެ.
މަޓާޓޯ އިން ބުނީ 19 އޮގަސްޓް 2024 ގައި މާލޭގެ ހޮޓެލް ޖެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތެއް އިއުލާންކުރުމަކީ ލިބޭ ފަޚުރެއްކަމަށް މަޓާޓޯއިން ބުނެއެވެ.
މަޓާޓޯ އިން ބުނިގޮތުގައި މިއަހަރުގެ ކޮންފަރެންސްގެ މަޤްޞަދަކީ ފަތުރުވެރިކަމުގައި އަންހެނުންނަށް، ޚާއްޞަކޮށް ލީޑަރޝިޕްގެ ރޯލުތަކުގައި ހަރަކާތްތެރިވާ އަންހެނުންނަށް ކުރިމަތިވާ މުހިންމު މައްސަލަތަކަށް އަލިއަޅުވާލުމެވެ.
ހަމަހަމަކަން އިތުރުކުރުމަށާއި އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި މުޅިން ވެސް އަންހެން ސްޕީކަރުން ހިމެނޭ ދެ ޕެނަލެއް އޮންނާނެކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ. މި ޕެނަލްތަކުގައި މަޝްވަރާ ކުރާނެ މައުޟޫޢުތަކަކީ:
- ވިމެން އިން މެނޭޖްމަންޓް – ޖެންޑަރ ޑިސެމްބްލިޓީއަށް އެޑްރެސްކުރުން
- ވިމެން އިން ޓުއަރިޒަމް – ކޮމްބެޓިން ސޯޝަލް ސްޓިގްމާ
މި ކޮންފަރެންސަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެހީތެރިކަން ފޯރުކޮށްދޭ އަދި ހަމަހަމަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް މަޓާޓޯއިން ބުނެއެވެ.