މި މަހުގެ ތެރޭގައި އިއްޔެގެ ނިޔަލަށް 62،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އަހަރުގެ މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މި އަހަރުގެ އަމާޒަށް ވާސިލުވުމަށް އިތުރު 700،000 ޓޫރިސްޓުން ގެނައުމަށް ވަނީ ބޭނުންވެފައެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާއެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް 245،553 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ (186،263)، އިނގިރޭސިވިލާތް (138،869)، އިޓަލީ (108،837) އަދި ޖަރުމަނުވިލާތް (106،919) ހިމެނެއެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 2.2 މިލިއަނެވެ. މި އަހަރުގެ އަމާޒަކީ މިއަށްވުރެ 100،000 އިތުރު ޓޫރިސްޓުން ގެނައުމެވެ.