ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، ތަންތަނަށް ގޮސް އަދި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކުރުމަށް ވޯލްޑްބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފިއެވެ.
އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެހީ އަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް އާދަވުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.
މީގެއިތުރުން އަލަށް ފަށާ “ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް”ގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް ކަމާ ބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވޯލްޑް ބޭންކްގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައި އޮތް ނަމަވެސް ގިނަ އަތޮޅުތަކުގައި އަދިވެސް އިންޓަނެޓް ހިދުމަތް ލިބުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި މި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް ރައްކާތެރި ގޮތުގައި އެ ހިދުމަތް ހޯދަން ދަތިތަކެއް އެބަހުރި ކަމަށް އެ ބޭންކުން ބުންޏެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންސީއައިޓީ ގުޅިގެންނެވެ.