ޗޯރު ނިކަލް ކޭ ބާގާ މި ފިލްމަކީ މިހާތަނަށް ނެޓްފްލިކްސް އިން އެންމެ ގިނަ ބަޔަކު ބެލި ހިންދީ ފިލްމްގެ ގޮތުގައި ހޮވިއްޖެއެވެ.
އެގޮތުން މިހާތަނަށް 29 މިލިއަން މީހުން މި ފިލްމް ބަލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ފިލްމް ވެފައިވަނީ ދުނިޔޭގެ 61 ގައުމެއްގެ ނެޓްފްލިކްސްގެ ގަދަ 10 އެއްގެ ލިސްޓްގައިވެސްމެއެވެ.
ދިނޭޝް ވިޖާންސްގެ އެންމެ ފަހުގެ ފިލްމް ޗޯރު ނިކަލް ކޭ ބާގާގެ ލީޑު ރޯލުން ފެނިގެންދަނީ ޔާމީ ގޯތަމް އާއި ވިކީ ކޯޝަލްއެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު ބެލި ހިންދީ ފިލްމަކީ އާރު އާރު އާރު އެވެ. އެގޮތުން މި ފިލްމް ވަނީ 25.5 މިލިއަން މީހުން ނެޓްފްލިކްސް މެދުވެރިކޮށް ބަލާފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ބަލާފައިވަނީ އާލިޔާ ބަޓްގެ ގަންގޫ ބާއީއެވެ. ގަންގޫ ބާއީ ބަލާފައިވަނީ 22.1 މިލިއަން މީހުންނެވެ.
ޗޯރު ނިކަލް ކޭ ބާގާގެ ވާހަކަ އަކީ ފްލައިޓް އެޓެންޑަކާއި އޭނާގެ ލޯބިވެރިޔާ ބޯޓަށް އަރާ ފަސިންޖަރެއްގެ ދަބަހުގައި އޮންނަ ޑައިމަންޑް ޖެހި ފޯނެއް ވަގަށް ނެގުމަށް ކުރާ މަސައްކަތް ފެންނަ ފިލްމެކެވެ. ފިލްމް ނިމެން ކައިރިވެފައި ވަނިކޮށް އަންނަ މޮޅު ޓުވިސްޓުން މުޅު ފިލްމްގެ ޝައުގުވެރިކަން އިތުރުވެގެންދެއެވެ. އަސްލު ފްލައިޓް ހައިޖެކް ކުރަނީ ފްލައިޓް އެޓެންޑެންޓް ކަމާއި މުޅި ވާހަކައިގެ އަސްލަކީ އޭނާގެ ލޯބިވެރިޔާގެ ކިބައިން ބަދަލު ހިފުމުގެ އޭނާ ރާވާ އެއްޗެއްކަން އެނގޭ ހިސާބުން ފިލްމް ވަރަށް ތަފާތެވެ.
މިފިލްމް ނެޓްފްލިކްސްގައި ރިލީޒް ކުރިތާ އަދި މިވީ ދެހަފުތާއެވެ.