- Advertisement -ad image

ސަނާ (ފަހުބައި)

ad image

ގުޅުންހުރި ލިޔުންތައް

” މަ މިހިރީ ރަށުގެ ފުއްޓަރު ފަރާތުގައި. މިތަނަށް ޖައްސާލާ ވަރަށް ރީތި ވައިވެސް އެބަޖެހޭ. ” ނަސީމް ގެ ރާގު ވަގުތުން ބަދަލުވިއެވެ. ” އާނ އޯކޭ ” ވަޖީދު އެއްބަސް ވަމުން ފޯން ކަނޑާލީއެވެ. ރިކޯޑިންގ ނިމުން އިރު ސަނާއަށް އިތުރު ޝޮކެއް ލިބުނީ ނަސީމްގެ އަތެއްވެސް މީގާ ވާކަން އެނގުމުންނެވެ. ނަސީމަކީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އޭނާގެ ބައްޕަގެ ބިޒްނަސް ޕާރޓްނާއެވެ. ސަނާގެ ހިތުގައި ރަސްކަންކުރަމުންދާ ތޯއިފްގެ ބައްޕައެވެ. ” ކިހިނެއްތަ މި ވަނީ؟ ” ސަނާއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އޭނާގެ ބައްޕަގެ ޤާތިލުންނަކީ އެންމެ ހީނުކުރާ 2 މީހުންނެވެ. ސަނާއަށް ހީވަނީ ބިރުވެރި ހުވަފެނެތް ތެރޭގައި އުޅެވޭހެންނެވެ. އިތުރު ތަހުޤީޤު ކުރުމަށްޓަކައި ނަސީމް އާއި ޝަހީދާ ސްޓޭޝަންއަށް ގެނަވުނެވެ. ދެ މީހުންވެސް ކުރި ކުށަށް އެއްބަސްވިއެވެ. ” މަންމަ ކީއްވެ ؟ ކީއްވެ ތި ގޮތަށް ކަންތައް ކުރީ؟ ” ސަނާއަށް ނުހުރެވިގެން ޝަހީދާ އާ ރޮމުން ސުވާލުކުރިއެވެ. ޝަހީދާ ސަނާ އާ ދިމާލަށް ބަލައިލީ ރުޅިވެރި ކަމާއެކީއެވެ. ” މަންމައޭ؟ މަ މީ ކަލޭ މަންމައެއް ނޫން. މިހުރިހާ ކަމެއްވެސް މި ވީ ކަލެޔާ ހުރެ. އާން ކަލޭ ތީ މަގޭ ދަރިއެއް ނޫން. ކަލޭ ތީ ނަހަލާލަށް ކަލޭ ބަފައަށް ލިބުން ނަހަލާލް ދަރިއެއް. މަށާ އިނދެ ހުރެ އެހެން އަންހެނަކާ ދެމީހުން ގަތް ގަނޑުގެ ނަތީޖާ. ކަލޭ މަންމަ ކަލޭ ވިހާފަ މަރުވުމުން މަށަށް ހުރިހާ އުނދަގުލެއް. މަ ކަލޭ ބެލީ މަޖުބޫރުވީމަ. ވަޖީދު މުއްސަނދި ނޫން ނަމަ އޭނަ ދޫކޮށްފަ ދިޔަތާ 18 އަހަރުވިސް. އަހަރެން ނަސީމް ދެކެ ލޯބިވެވުނީ އެދުވަސްތަކު އޭނަގެ ފަރާތުން ލޯތްބާ އަޅާލުން ލިބުނީމަ. ކުޑަ އިރުން ފެށިގެން ވެސް ނަސީމް އަހަރެން ފަހަތުން ދުވި ނަމަވެސް ކަލޭ ބައްޕަގެ މުއްސަނދިކަން ފެނިފަ މަ ހީކުރީ  އުފަލުގަ އުޅެވޭނެކަމަށް އެކަމް ވަޖީދު މަށަށް ދިނީ ހިތްދަތިކަން. ކަލޭ ބަލާބޮޑު ކުރީމަވެސް މަށަށްވީ އެއްވެސް ފައިދާއެއް ނެތް. ކަލެޔަށް 18 އަހަރު ފުރުންތަނުން ކަލޭ ނަންމައްޗަށް ހުރިހާ މުދާކޮޅެއް ބަދަލުކޮށްފަ މަ އެއްވެސް މީހަކަށް ނުވި. ނަސީމް އެވާހަކަ ދެއްކުމުންވެސް އޭނަގެ ޙިޔާލެއް ބަދަލެއްނުވި ، އެހެންވެ އަހަންނަށް މިކަން މިގޮތަށް ކުރަން މަޖުބޫރުވީ. ނަސީމް އަހަންނަށް އެޙީވެ ދިނީ އަހަރެން ދެކެ ވާ ލޯބިން. އަހަރެން ކަލެޔާ ކަލޭ ބައްޕަ ދެކެ ނަފްރަތުކުރަން.. ” ޝަހީދާގެ ވާހަކަތައް ސަނާގެ ކަންފަތަށް އިވެމުން ދިޔައީ ހޮނު ގުގުރިތަކެއް ހެންނެވެ. މުޅި މީހާ ގަނޑުވެފައި ހުރެވުނީ ކިހާ އިރެއް ވަންދެންކަމެއް ވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ތުއްތު އިރުންފެށިގެންވެސް މަންމަކަމަށް ދެކިގެން އުޅުނު މީހާ މިއަދު އެ ބުނަމުންދަނީ އެއީ އޭނާގެ މަންމަ ނޫން ކަމުގައެވެ. ސަނާއަށް ހީވީ އޭނާގެ މުޅި ދިރިއުޅުމަކީވެސް ދޮގެއްގެ މައްޗަށް ބިނާވެފައިވާ ހެންނެވެ. ސަނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފަހަތުން އިވުނީ މީހަކު ހަޅޭއްލަވައިގަތް އަޑެވެ. ވަރަށް ދަންނަ އަޑެކެވެ. ބޭއިޙްތިޔާރުގައި ސަނާއަށް ފަހަތް ބަލައިލެވުނެވެ. ފަހަތުގައި ހުރީ ތޯއިފްއެވެ. މުޅި މީހާ ރުޅި އައިސްގެން ގޮސް ހަލާކުވަނީއެވެ. އޭނާއަށް ހުރިހާ އެއްޗެއް އަޑުއިވުނީކަން ޔަޤީނެވެ. ނަސީމްއަށް އިން ގޮނޑިން ވެސް ތެދުވެވުނެވެ. ” ބައްޕައޭ ތީ ބުނަންވެސް ލަދުގަނޭ މިއަދު . ތީ ކޮންކަހަލަ އިންސާނެއް؟ އެންމެ ޙާލުގަ ޖެހުން ދުވަހު އަޅާލި މީހާއަށް އެއްވެސް ރަޙުމެއް ނެތް މީހެއް ތި ނޫނީ ނުދެކެން. ނަސީބެއް މިދުވަސް ދެކެން މަންމަ ދުނިޔޭގައި ނެތް ކަން. ތި ކަހަލަ މީހުންނަށް ޖެހޭނީ ޙައްޤު އަދަބުދޭން. ” ތޯއިފް ވާހަކަ ދެއްކީ ވަރަށް ވެސް ރުޅި އައިއްސައައެވެ. ސަނާއަށް ތޯއިފް މިހާ ރުޅި ގަދަވެފައި ހުއްޓާ މިފެނުނީ އަލަށެވެ. 

   ނަސީމް އާއި ޝަހީދާ މާފުށީ ޖަލަށް ޖެހިގެން އާ ދުވަހު ގެންދެވުނެވެ. ސަނާ ޔޫސުފް އަށް ޝުކުރު އަދާ ކުރިއެވެ. އޭނާގެ ބައްޕަގެ ޤާތިލުން ހޯދަން ޔޫސުފް އެހާ ބުރަކޮށް މަސައްކަތްކޮށްދިނީމައެވެ. ދުނިޔެ މީ ހާދަ ކެހިވެރި ތަނެކޭ ސަނާ ހިތަށް އެރިއެވެ. ލޯބިވާ ބައްޕަ މަތިން ހަނދާންނުވާ ދުވަހެއް ނުދެއެވެ. އެއޮށް ބޮޑު ގޭގައި އެކަނި ދިރިއުޅެން ޖެހިލުން ވެސް ވެއެވެ. ނަމަވެސް ކިޔަވަން ދާން ޖެހޭ ދުވަސްވެސް ކައިރިވެފައިވާތީ ކެތްކޮށްލާނީއޭ ސަނާ ހިތަށް އެރިއެވެ. ފުރުމަށްޓަކައި ދަބަހަށް އެއްޗިސް އެޅުމުގައި ސަނާ އަވަދި ނެތި އުޅެނިކޮށް ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް ދޮރާދިމާލަށް ބަލައިލީ އިރު، ދޮރުމަތީ ހުރީ ތޯއިފްއެވެ. ” އޯކޭތަ ވަނަސް؟ ” ތޯއިފް ސަނާ ގާތު ކޮޓަރިއަށް ވަނުމަށްޓަކައި ހުއްދައަށް އެދުނެވެ. ޖަވާބުގައި ސަނާ ބޯ ޖަހާލިއެވެ. ” އަހަރެންގެ ބައްޕަ ފަރާތުން ވަރަށް ބޮޑަށް މަޢާފަށް އެދެން. އެނގޭ މިހެން ބުންޏަސް ހުރިހާކަމެއް އޯކޭ ނުވާނެކަން. އެކަމް އަހަރެން ސަނާ ގާތު ބުނަން ބޭނުން ވާހަކައެއް އެބޮތް. ވަރަށް ގިނަ ދުވަސް ވެއްޖެ ބުނަން އުޅޭތާ އެކަމް ބުނަން ނުކެރިފަ. މިހާރު އަދި ވަކިން ޙާއްސަކޮށް މި ވާހަކަ ދައްކަން ލަދު ވެސް ގަނޭ.. އެކަމްވެސް ނުބުނެދެން ކެތެއްނުވާނެ. ” ތޯއިފް ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާ ނުތަނަވަސްކަމެވެ. ” އައި ލަވް ޔޫ ސަނާ.. މަ ވަރަށް ލޯބިވޭ ސަނާ ދެކެ. ކުޑަ އިރުއްސުރެ އަހަންނަށް ސަނާ ވަރަށް ކަމުދޭ. ލޯބި ހުށައަޅަން ނުކެރުނީ.. ހުށައަޅަން އުޅުން ރޭ ސަނާ ބައްޕަގެ ޤާތިލުން އެނގުނީ. ދެން ބުނަން ޖެހިލުންވީ އެކަމް ނުބުނެ ހުންނަން އުނދަގޫވީމަ މި ބުނީ. ސަނާ ނޫން ކުއްޖަކަށް މި ހިތަން ޖާގައެއް ލިބެން ވެސް ނެތް އެއަށްވުރެ ސަނާ ދެކެ މަ ލޯބިވޭ، ސަނާއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން. ހިތުގަ ޖެހޭވަރުކަމެއް ވެސް ނުކުރާނަން. ސަނާ އާ ނުލާ މަށަށް އެންމެ އިރުކޮޅަކުވެސް ނޫޅެވޭނެ. ” ތޯއިފްގެ ވާހަކަ ނިމުނު އިރު އޭނާ ވަނީ ފެންކަޅިވެފައެވެ. އެ ދެ ލޮލަށް ބަލައިލި ކޮންމެ މީހެއްގެ ހިތުގައި ޖެހޭނެއެވެ. ސަނާއަށް ބޭއިޙްތިޔާރުގައި ތޯއިފް ގައިގާ ބައްދާލެވުނެވެ. އެ ބާރު ގަދަ ހަށިގަނޑުތެރޭ ކުޑަ ކުއްޖެއްހެން ބޮޑިވެ ގަތެވެ. ތޯއިފް ސަނާ ގައިގާ ހިފާ ބާރުކޮށްލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. ” އައި ލަވް ޔޫ ޓޫ. ” ލަދުރަކި ގޮތަކަށް ސަނާ ބުނެލިއެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ