ރިލީޒްކުރުމުގެ ދުވަސްތަކެއް ކުރިން ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު “ފައިޓާ” ޔޫއޭއީ ފިޔަވައި އެހެން ގަލްފުގެ ގައުމުތަކުގައި މަނާކޮށްފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ފިލްމު އެކްސްޕާޓް ގިރިޝް ޖޯހަރާއި ޓްރޭޑް އެނަލިސްޓް ސްރީދަރް ޕިއްލައި ބުނެފި އެވެ.
ޕްރޮޑިއުސަރު-ފިލްމް އެކްސްޕާޓް ގިރިޝް ޖޯހަރާއި ޓްރޭޑް އެނަލިސްޓް ސްރީދަރް ޕިއްލައި ބުނި ގޮތުގައި ގަލްފުގެ ހުރިހާ ގައުމެއްގައި ވެސް މި ފިލްމު ރިލީޒެއް ނުކުރެ އެވެ. އެހެންނަމަވެސް، މިހާރު އޮތް ގޮތުން ޔޫއޭއީއަކީ ވެސް އެއަށް ވުރެ އިސްތިސްނާ ގައުމެކެވެ. ފިލްމް ދެއްކުން މަނާކުރުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ޖޯހަރް ބުނީ “ފައިޓާ” ޔޫއޭއީގައި ރިލީޒްކުރާނީ ޕީޖީ 15 ކްލެސިފިކޭޝަނާ އެކު ކަމަށެވެ. ނަމަވެސް ފިލްމް އެޅުވުން މަނާކުރުމާ ބެހޭ ގޮތުން އެއްވެސް ބަހެއް ރަސްމީކޮށް އަދި ޕްރޮޑިއުސަރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
“ފައިޓާ” ރިލީޒްކުރުމުގެ ކުރިން ފިލްމުގެ ޕްރޮޑިއުސަރުން އަންނަނީ ފިލްމު ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން އިއްޔެ އެ މީހުން ވަނީ ފިލްމް މޭކިންގައި ހިމެނޭ ވީޑިއޯއެއް ދައްކާލައިފަ އެވެ.
މީގެ ކުރިންވެސް ބައެއް ބޮލީވުޑް ފިލްމުތައް ގަލްފްގައި އެޅުވުން މަނާކޮށްފައި ވެއެވެ. އޭގެތެރޭގައި މަމޫޓީގެ “ކާތަލް – ދަ ކޯރ”، ތަލަޕަތީ ވިޖޭގެ “ބީސްޓް”، ތަމަޅަ ފިލްމު “އެފްއައިއާރް” އަދި މޯހަންލާލްގެ “މޮންސްޓާ” ހިމެނެ އެވެ. ގަލްފުގެ ގައުމުތަކުން ފިލްމުތައް އަޅުވާއިރު އެކި މިންގަނޑުތަކަށް ބަލައެވެ. ފިލްމުތައް ރިލީޒް ކުރަން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ސިފަކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމަަށް ހިތްވަރު ދިނުމުގެ ކޮންޓެންޓް ހިމެނެއެވެ.
“ފައިޓާ” އަކީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އޭރިއަލް އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރެވެ. އަދި ސަޕޯޓިން ކާސްޓުންގެ ތެރޭގައި ކަރަން ސިންގް ގްރޯވާ، އަކްޝޭ އޮބެރޯއީ، ފަދަ ތަރިން ހިމެނެ އެވެ.
ވައިކޮމް18 ސްޓޫޑިއޯ އާއި މާފްލިކްސް ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރާ މި އޭރިއަލް އެކްޝަން ފިލްމު ސިނަމާތަކަށް އަންނާނީ ޖެނުއަރީ 25 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ 250 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަދާ ފިލްމެކެވެ.