ޓެމިލް ނާޑޫގެ މަޝްހޫރު އެކްޓަރު ވިޖޭ އަމިއްލަ ސިޔާސީ ޕާޓީއެއްގައި ލޯންޗް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީގެ ރައީސަކަށް ވިޖޭ ވަނީ އިންތިހާބުވެފަ އެވެ. އަދި އެ ޓީމުގެ އިސް ބޭފުޅަކާއި ހަވާލާދީ އެންޑީޓީވީ އިން ވަނީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ.
ވިޖޭ އެ ޕާޓީގެ އާންމު މަޖިލީހުގެ 200 އެއްހާ މެންބަރުން ރަޖިސްޓްރީ ކުރުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި އެވެ. އަދި ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރު ވެސް އައްޔަންކޮށްފައިވާއިރު ސެންޓްރަލް އެގްޒެކެޓިވް ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. ޕާޓީގެ ނަމާއި ރަޖިސްޓްރީ ކުރުމާ މެދު ގޮތެއް ނިންމައި އިންތިހާބީ ސިޔާސީ މައިދާނަށް ނުކުތުމުގެ ބާރު އެ ކައުންސިލުން ވަނީ ވިޖޭއަށް ދީފަ އެވެ.
އޭނާ ސިޔާސީ މައިދާނަށް ނުކުންނާނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އެކަކު ބުނީ 2026 ވަނަ އަހަރު ޓެމިލް ނާޑޫގެ ސްޓޭޓް އިންތިހާބާ ދިމާކޮށް ސިޔާސީ މައިދާނަށް ނުކުންނާނެ ކަމަށެވެ.
ތަމަޅަ ސިނަމާގެ ކުރިއަށް އޮތް ރަޖްނީކާންތުގެ ރޯލުން ފެނިގެންދާ ވިޖޭ ވަނީ 68 ފިލްމެއް ކުޅެފަ އެވެ. އޭނާ އަންނަނީ އޭނާގެ ފޭން ކްލަބްތަކަށް ހިލޭ ކާބޯތަކެތި ބެހުމާއި ތައުލީމީ ސްކޮލަޝިޕްތަކާއި ލައިބްރަރީތަކާއި ހަވީރު ޓިއުޝަން ގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޗެރިޓީ އަދި ވެލްފެއާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދާދި ފަހުން އޭނާ ވަނީ ޕަބްލިކް އިމްތިހާނުން އެއްވަނަ އަށް ދާ ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމުގެ ގޮތުން ދާއިރާތަކަށް ބަހާލައިގެން ޕްރޮގްރާމެއް ބާއްވައިފަ އެވެ.
ވިޖޭގެ ބައްޕައަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޗަންދްރަޝޭކަރެވެ. ވިޖޭގެ ފިލްމުތަކަކީ އާންމުންގެ މެދުގައި ވަރަށް ނާޒުކު އަދި މުހިންމު މައުޟޫއުތަކަށް ކުޅެފައިވާ ފިލްމްތަކެކެވެ. ވިޖޭގެ ބައެއް ފިލްމުތަކުން ވެސް ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކަށް ޓާގެޓް ކުރުމުގައި ހިޔާލު ތަފާތުވެ ސްޓޭންޑްތަކެއް ނަގާފައިވެ އެވެ.