ބޮލީވުޑްގެ ސުޕަސްޓާރ ޝާހްރުކް ހާން އަށް ހޫނު ސްޓްރޯކެއް ޖެހިގެން އަހުމަދުއާބާދުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި އެވެ.
އެކްޓަރު އަހުމަދުއާބާދަށް ދިޔައީ އަންގާރަ ދުވަހު އޭނާގެ ޓީމުތައް ކަމަށްވާ ކޮލްކަތާ ނައިޓް ރައިޑާސް އާއި ސަންރައިޒަރސް ހައިދަރުއާބާދު ބައްދަލުކުރާ މެޗު ބަލާށެވެ.
“އަހުމަދުއާބާދުގައި 45 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގެ ސަބަބުން ޝާހްރުކް ޑީހައިޑްރޭޓް ވީ. ސިއްހީ ހާލަތު ސްޓޭބަލް ނަމަވެސް އޮތީ މެޑިކަލް އޮބްޒަވޭޝަންގައި. ހޮސްޕިޓަލުގެ ވަށައިގެން ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި،” މަސްދަރުތަކާ ހަވާލާދީ އައިއޭއެންއެސް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވެ އެވެ.
ޝާހްރުކްގެ ޒަމާންވީ ރަހުމަތްތެރިޔާ އަދި ބަތަލާ ޖޫހީ ޗައުލާ ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ. އަދި ވަރަށް އަވަހަށް އެ ހޮސްޕިޓަލުން ރަސްމީ ބަޔާނެއް ނެރޭނެ ކަމަށް ބެލެވޭ ކަމަށް ނޫސް އެޖެންސީ އައިއެންސް އިން ބުނެއެވެ.
އައިޕީއެލް ޓީމު ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރު) ގެ ކޯއޯނަރު ޝާހުރުކް ޚާން ވަނީ އަންގާރަ ދުވަހުގެ ރޭ އަހުމަދުއާބާދުގެ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި އެ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ. އަދި ޝާހުރުކްގެ ދެ ދަރިން ކަމަށްވާ ސުހާނާ ޚާން އާއި އަބްރަމް ޚާންއާއެކު ޝާހްރުކް ވަނީ އައިޕީއެލް 2024 ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިން ސަންރައިޒަރސް ހައިދަރުއާބާދު (އެސްއާރުއެޗް) އަތުން ކޭކޭއާރު މޮޅުވުމުން ބެލުންތެރިންނާއި ސަލާމްކޮށްފަ އެވެ.