އާއިލާތެރޭގައި ފުރަތަމަ އުފަންވ ކުދިންނަށް އެއްބަނޑު އެއްބަފާ އެހެން ކުދިންނާއި ހިލާފަށް ލިބޭ ފައިދާތައް ގިނައެވެ. ފޭރާމާއި، ކުޅޭ ތަކެތި އެންމެ ފުރަތަމަ ބޭނުންކުރުމުގެ ނަސީބު މިކުދިންނަށް ލިބޭއިރު، އާއިލާގެ ފުރަތަމަ ދަރިފުޅަށް ވުމުން މި ކުދިންނަށް ދޭ ސަމާލުކަމާއި ލޯބިވެސް ތަފާތެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދޮށީ ދަރިފުޅު އަބަދުވެސް ލޭބަލް ވެފައި އޮންނަނީ ގޭގައި އެންމެ ބަސްއަހާ، ތޫނުފިލި ކުއްޖާގެ ގޮތުގައެވެ.
ޖާނަލް އޮފް ހިއުމަން ރިސޯސަސްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދޮށީ އުމުރުގެ ކުދިންގެ ވިސްނުމުގެ ހުނަރު އެއްބަނޑު އެއްބަފާ ކުދިންނަށް ވުރެ ރަނގަޅުވުމުގެ ފުރުސަތު އެބައޮތެވެ.
ޔުނިވާސިޓީ އޮފް އެޑިންބަރާ، އެނަލިސިސް ގްރޫޕް އަދި ޔުނިވާސިޓީ އޮފް ސިޑްނީގެ ސައިންސްވެރިން ހޯދާފައިވާ ގޮތުން އެންމެ ފުރަތަމަ އުފަންވާ ކުދިން އާންމުގޮތެއްގައި އައިކިއު ޓެސްޓުތަކުން މާކްސް ހޯދާފައިވަނީ އެކުދިންގެ ކޮއްކޮމެންނަށް ވުރެ މަތިންނެވެ.
މި ދިރާސާގައި ސައިންސްވެރިން ވަނީ އުފަންވުމުގެ ކުރިން ފެށިގެން 14 އަހަރާ ހަމައަށް މޮނިޓާކުރި ގާތްގަނޑަކަށް 5،000 ކުދިންގެ ނެޝަނަލް ލޮންޓިއުޑިނަލް ސާވޭ އޮފް ޔޫތުގެ ޔޫއެސް ޗިލްޑްރަންގެ ޑޭޓާ ބޭނުންކޮށްފަ އެވެ. އެގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ލޯންޓިއުޑިނަލް ސާވޭގައި ބައިވެރިވާ ކުދިން، ކިޔެވުމާއި، ވޮކަބްލަރީ އެސެސްމަންޓާއި މެޗިން ލެޓާސް ފަދަ ކެޓަގަރީތަކަށް ބަލާފައިވެ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި އާންމުގޮތެއްގައި އެއްބަނޑު އެއްބަފާ ކުދިންނަށްވުރެ ދޮށީ އުމުރުގެ ކުދިން ގެ ނަތީޖާ ރަނގަޅުކަމަށާއި، އެއީ މައިންބަފައިން ފަހުން އަންނަ ކުދިންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި މައިންބަފައިން އެމީހުންގެ ހަނގަށް ތިބޭ ދަރިންނާއެކު ނަފްސާނީ ގޮތުން ހިތްވަރު ދިނުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުޑަ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ދޮއްޓަށް ހުންނަ ކުއްޖާ އާއި އެއްވަރުގެ ވިސްނުމުގެ ހުނަރެއް އެކުދިންގެ ކިބައިގައި އުފެދިފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.