ހަވާ އަދި ގިނަ ކުޅިވަރުތަކަކާއި ކ. ދިއްފުށީގައި ފޯރިގަދަ ޢީދެއް ފާހަގަކުރުމަށް ތައްޔާރުވެއްޖެ އެވެ.
އަޞްހާ ޢީދާއި ދިމާކޮށް ދިއްފުށީގެ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އޭޑީޑީ އަދި ރަށުގެ އެހެނިހެން ޖަމިއްޔާތަކާއި ވިޔަފާރިވެރިން ގުޅިގެން ގިނަ ކުޅިވަރުތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
އާންމުގޮތެއްގައިވެސް ދިއްފުއްޓަކީ ވަރަށް ފޯރި ގަދަކޮށް ޢީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. ލޯކަލް ޓޫރިޒަމްގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ މި ރަށަށް ޢީދާއި ދިމާކޮށް ގިނަ އަދަދަކަށް ދިވެހިންވެސް ޒިޔާރަތްކުރެއެވެ.
މިއަހަރު އަޞްހާ ޢީދު ފާހަގަކުރުމަށް ދިއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ހަވާއެރުވުމެވެ. ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ޢީދު ވިލޭރޭގައި މަރުހަބާ ކިޔުމުގެ ގޮތުން އޮންނަ ވެދުމާއި ދިއުން ހަރަކާތަށް ފަހުގައެވެ. އެއަށްފަހު އެރޭވެސް ސްޓޭޖެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަތޯރާ ބޮޑުބެރު ގްރޫޕާއި ދިއްފުށީ ސަގާފީ ޓީމުގެ ހަރަކާތްތައް ފެނިގެން ދާނެއެވެ.
މީގެއިތުރުން ޢީދު ދުވަހުގެ ހެނދުނު ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމާއި، ޢީދު ސައި އަދި އުޞްހިޔާ ކަތިލުމުގެ ހަރަކާތެއްވެސް އިންތިޒާމްކޮށްފައިވެއެވެ. އަދި ސަގާފީ ހަރަކާތްތަކާއެކު އެ ދުވަހުގެ މެންދުރު ޢީދު ޖާފަތްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިއްފުށީގައި ކޯޑި ކުޅުމާއި، ފެންކުޅި، މަސް ރޭސް، ބޮޑު މަސް ބޭނުން، މާލި ޕެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭން އާއެކު ކުޑަކުދިންގެ ހަވީރެއްވެސް ވަނީ އިންތިޒާމްކޮށްފައެވެ.
މިއަހަރުގެ ޢީދު ބަންދާއި ގުޅިގެން ލިބޭ ފަސް ދުވަހުވެސް ދިއްފުށީގައި ފޯރިގަދަ ގިނަ ކުޅިވަރުތަކެއް ކުޅޭނެއެވެ.