ކޮންމެ ދިރޭ މަހުލޫގެއްގެވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް އެކަން މޫނުން އަދި ހަށިގަނޑުންވެސް އެނގެން ހުންނަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ .
އެހެންނަމަވެސް އަހަރުމެން އިންސާނުންނަކީ ރީތިކޮށްތިބުމަށް އަބަދުވެސް ލޯބިކުރާބައެކެވެ. ހާއްސަކޮށް މޫނުމަތި ރީތިކޮށް ތާޒާކޮށް ބެހެއްޓުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރާނެ ކަމެކެވެ. އުމުރުން ދުވަސްވަމުންދިޔަ ވަރަކަށް އަވިން ހަންގަނޑަށް ލިބިދޭ ގެއްލުމުން ރައްކާތެރިވާން އިތުރަށް ވިސްނަންޖެހެއެވެ. އެހެންކަމުން ހަމުގެ ކަންކަމާއި ބެހޭ ޑޮކްޓަރުންގެ އިރުޝާދަކީ އުމުރުން 30 އަހަރުން މައްޗަށް ދިއުމުން އައްވަށް ނިކުތުމުގެ ކުރިން ކޮންމެހެންވެސް ސަންސުކުރީނެއް ބޭނުންކުރުމެވެ. އަވިން ރައްކާތެރިވުމަށް ކޮންމެ އުމުރެއްގެ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭއިރު އުމުރުން ދުވަސްވަމުންދިޔަ ވަރަކަށް ހަންގަނޑު ތުނިވެ ހަންގަނޑު ބަދަލުވާން ފަށާލެއް އަވަހެވެ.
ރައްކާތެރިކަމެއްނެތި އަވީގައި އުޅޭނަމަ ހަމުގެ ކެންސަރު ޖެހި ހަންގަނޑު ކުރަކިވެ ހަމުގެ އެހެނިހެން މައްސަލަތައް ދިމާވުންވެސް ވަރަށްގާތެވެ.
އެހެންކަމުން ގަވައިދުން ސަންސްކުރީންއެއް ބޭނުން ކުރަމުން ގެންދިއުމާއި އަބަދުވެސް އަތްވަށް ނިކުތުމުގެ ފަނަރަ މިނެޓް ކުރިން ސަންސްކުރީން އުނގުޅަން އިސްކަންދޭންޖެހެއެވެ. އަދި ބޭރުގައި މާގިނަ ވަގުތު އުޅެން ޖެހޭނަމަ ކޮންމެ ދެގަޑި އިރަކުން ސަންސްކުރީން އުނގުޅަން ހަނދާން ކުރަންވާނެއެވެ. މީގެ އިތުރުން ހެނދުނު ދިހައަކުން ހަވީރު ހަތަރަކަށް އަވީގައި އުޅޭ މިންވަރު މަދު ކުރަންވާނެއެވެ. މިވަގުތަކީ އެންމެ ނުރައްކާލިބޭ އަވިދޭ ވަގުތު ކަމަށްވާތީއެވެ.
މީގެ އިތުރުންވެސް މާގިނައިން ފެންވެރުމަކީވެސް ހަންގަނޑަށް ގެއްލުން ހުރި ކަމެކެވެ. އަދި ހޫނު ފެނުން ފެންވެރުމަކީ ވަރަށް ބޮޑަށް ހަންގަނޑަށް ގެއްލުން ހުރިކަމެކެވެ. އެހެންކަމުން ހޫނު ފެނުގެ ބަދަލުގައި ތާފަނާ ފެނުން ފެންވެރުން ރައްކާތެރިއެވެ.
ފެންވެރުމުގައި މާ ބާރުގަދަ ކެމިކަލް ހުންނަ ސައިބޯނި ވެސް ބޭނުން ކުރުމަކީ ހަންގަނޑު ވަރަށް އަވަހަށް ހަލާލުކޮށްލާ ކަމެކެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ ހަންގަނޑު ނުހިކި މޮއިސްޗަރައިސް ކޮށް ބެހެއްޓުމަކީ އުމުރުން ދުވަސްވިއަސް ރީތި ކޮށް ހަންގަނޑު ހުންނާނެގޮތްތަކެވެ.
މައުޟޫމާތު ނެގީ މަޔޯކްލިނިކް ވެބްސައިޓުން.