މި މަހަކީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. ހޫނުގަދަވާން ދިމާވާ ސަބަބަކީ މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ބައެއް ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމަށް ބަލައި މިކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ. އެހެންކަމުން ގެއިން ބޭރަށް ނިކުންނައިރު މި ކަމަށް ސަމާލުކަން ދީގެން ނިކުތުމަށް ހަނދާން ކުރަންޖެހެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާ ސިއްހީ މައްސަލަތައް:
ވަރުދެރަވުން
އަކުނިވަޔަށްދެމުން
ބޮލުގައި ރިއްސާއި ބޯއެނބުރުން
ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަގަދަކޮށް ހުރުން
ލޮލަށް ލިބޭ ގެއްލުން
ހަންގަނޑު އެދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހި ނެގުން
އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
ކުޑަ ބޭނުން ކުރުން
ކުލަ މަޑު، ހަށިގަނޑުނިވާވާ ފަދަ ދޫ ހެދުމެއް ބޭނުން ކުރުން
ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން
ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަން ސްކުރީން ބޭނުންކުރުން
ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރުނުހިއްކާނަމަވެސް ގިނައިން ފެން ބޭނުންކުރުން
ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރު ހުންނަ ބުއިންތައް ބޭނުން ނުކުރުން ހިމެނެއެވެ.