ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު
ތުއްތު ދަރިފުޅަށް އަހަރުވުމަށްފަހު، ބައެއްފަހަރު ނުކާން ގަދަހަދާ މަންޒަރަކީ ގިނަ މައިންނަށް ދިމާވެފައިވާ ނުހަނު ގަދަޔަށް ބޯގާނަންޖެހޭ އަރަތަކަށް މިވަނީވެފައެވެ. ތަފާތު އެކިއެކި ކާނާ ކެއްކިއްޖެއެވެ. ތަފާތު އެކި ވަޢުދުތައް ވެވިއްޖެއެވެ. ކުދިކުދި އަދަބުވެސް ދެވިއްޖެއެވެ. ނުވީތާކަށް އެންމެ ކުޅޭހިތްވާ ކޮންމެވެސް އެއްޗެއް ރަހީނުކޮށް ބްލެކްމެއިލްވެސް ކުރެވިއްޖެއެވެ. އެކަމަކުވެސް ނުކާން ބޮޑާހާކަނީ ކީއްވެކަމެއް ހަމަ ބުއްދިއަކަށް ނާދެއެވެ. ބަނޑުހައި ނުވަނީބާވައެވެ. ކާއެއްޗިހި ނުބައީބާއެވެ. އަޅެ މި ސުވާލުތަކުގެ ޖަވާބަކީ ކޮބައިބާއެވެ.
ތުއްތުކުދިން ކެއުމާއި ދުރުވާ ސަބަބުތަކުގެ ތެރެއިން ފާހަގަވާ އެއްކަމަކީ، އެކުދިންގެ ހަށިގަނޑުގައި ހުންނަންޖެހޭވަރަށްވުރެ ދަގަނޑުގެ މިންވަރު މަދުވުމެވެ. މިކަމުގެ ސަބަބުން ކެއުމަށް ހުންނަ ޝައުގުވެރިކަން ކުޑަވެ ކާނާގެ ރަހައާއި ކެއުމުގެ ހިތްހަމަޖެހުމަށްވެސް އަސަރުކުރުން އެކަށީގެންވެއެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދަގަނޑުގެ މިންވަރު މަދުން ހުންނަ ކުދިންގެ ރަހަ ބެލުމުގެ އިހުސާސް ކުޑަވެ، ކާނާގެ ޝައުގުވެރިކަން ކުޑަވެގެންދެއެވެ. އަދި “ޕިކާ” ކިޔާ ހާލަތެއް ކުރިމަތިވެ، ކާނާ ނޫން ތަކެތި ކަމަށްވާ ވެލި، ފަންސޫރު ނުވަތަ އައިސް ފަދަ ތަކެތި ކެއުމަށް ޝައުގުވެރިވާ މަންޒަރު އާންމުކޮށް ފެނިގެންދާނެއެވެ.
ދަގަނޑުގެ މިންވަރު ހަށިގަނޑުގައި އެދެވޭވަރަށް ހުރުން އެހާ މުހިންމު ވާންވީ ކީއްވެގެން ހެއްޔެވެ؟
ދަގަނޑަކީ މުޅި ހަށިގަނޑަށް އޮކްސިޖަން ގެންދާ ލޭގެ ރަތް ސެލްތަކުގައި ހިމެނޭ މާއްދާ ކަމަށްވާ ހީމޯގްލޯބިން އަށް ކޮންމެހެން ބޭނުންވާ މަޢުދަނެކެވެ. އަދި ތުއްތު ކުދިންނާއި ކުޑަކުދިންގެ ގައިގައި، ދަގަނޑުގެ މިންވަރު މަދުވުމަކީ އެކުދިންގެ ޖިސްމާނީ އަދި ކޮގްނިޓިވް ޑިވެލޮޕްމަންޓަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށާއި، ސީރިއަސް ހާލަތްތަކުގައި ތަރައްޤީ ލަސްވެދާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ. މީގެ އިތުރުން ސަމާލުކަން ދޭން އުނދަގޫވުމާއި ހަނދާން ބަލިވުން ދަފަ ދަތިތަކެއް ކުރިމަތިވެގެންދެއެވެ.
ދަގަނޑު މަދުވުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިބާއެވެ؟
ތުއްތު ދަރިންގެ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު މަދުވުމުގެ އެންމެ ފާހަގަކޮށްލެވޭ ސަބަބަކީ އެކޮޔަށް ކާންދެވޭ ކާނާގައި ދަގަނޑު އެކުލެވޭ ބާވަތްތަށް މަދުވުމެވެ. ގިނަ ފަހަރަށް ތަފާތު ކާނާއާއި މަސް ނުކާ ކުދިންނާއި، މާގިނައިން ( 24 ގަޑިއިރުތެރޭ 500 އެމްއެލް އަށްވުތެ ގިނައިން) ކިރު ބޯ ކުޑަކުދިންގެ ދަގަނޑުގެ މިންވަރު މަދުވުމުގެ ނުރައްކާ ބޮޑުކަމަށް ކަމުގެ މާހިރުން ފާހަގަކުރެއެވެ.
އަދި މީގެއިތުރުން ދަގަނޑު ނަގައިގަތުމަށް ނުކުޅެދުންތެރިކަން ހުންނަ ބައްޔެއްކަމަށްވާ (އެބަހީ ސީލިއަކް ބަލި)، އެނީމިއާ ފަދަ ބަލިތަކުގެ ސަބަބުން ވެސް އެކުދިންގެ ހަށިގަނޑުގައި މި މުހިންމު މާއްދާ މުދުވުން އެކަށީގެންވެއެވެ.
ކުޑަކުދިންގެ ގައިގައި ދަގަނޑުގެ މާއްދާ މަދުކަމުގެ އަލާމާތްތަކުގެ ތެރޭގައި:
ހަންގަނޑު ފަނޑުވުން، ނިޔަފަތިތައް ފަނޑުވެފައި މުރަނަގޮތަކަށް ހުރުން، އިސްތަށި ފޭބުން، ވަރުބަލިވުމާއި ބަލިކަށިވުން، ލޮލުގެ ވަށައިގެން ކަޅު ސާރކަލްސް އުފެދުން، އަނގައިގައި ރިއްސުން، ސަމާލުކަން ދޭން އުނދަގޫވުމާއި ރުޅިގަދަވުން އަދި ޒަޚަމްތައް ރަނގަޅުވާލެއް ލަސްވުން ހިމެނެއެވެ.
ދަގަނޑުގެ ބާވަތް ލިބޭނީ ކޮންއެއްޗިއްސަކުންބާ؟
ހަށިގަނޑަށް ދަގަނޑުގެ ބާވަތް ގިނައިން ލިއްބައިދޭ ކާނާގެ ތެރޭގައި އެއްގަމު މަހާއި ކަނޑުމަސް، ސީފުޑް، ފެހިކަން ގަދަ ފަތްޕިލާވެލި (ބޯވެލި ފަތް، މުރަނގަ ފަތް)، ހޯލްގްރޭން، ހޯލްމީލް ސީރިއަލްސް، ބިސް، ސަނާމުގު، ކައްޓަލަ، އަލުވި ތޮއްޓާއި އެކު، ހިއްކާފައި ހުންނަ މޭވާ ހިމެނެއެވެ.
ވީމާ، އެކުދިން ނުކާން ގަދަހަދަނީ ބޮޑާހާކަން ބޭނުންވާތީއެއް ނޫނެވެ. ޓޮޑްލާރ އަކަށްވީމައެއްވެސް ނޫނެވެ. އެކޮޔަށް ނޭނގޭ ޙާލު ހަށިގަނޑުގެ މައިގަނޑު މައުދަނެއް މަދުވަނީއެވެ. މީގެ ސަބަބުން ކެއުމުގެ ޝައުގުވެރިކަން ކުޑަވުމާއި، ނުކާން ގަދަހެދުމުގެ މި ހިތްދަތި ދައުރު މުގުރާލަން އުނދަގޫ ވެދާނެ އެވެ. އަދި ނުކެއުމުގެ އިތުރުން މަތީގައި ދެންނެވިފައިވާ އަލާމާތްތަށް ފެންނަ ކަމުގައިވާނަމަ ނުވަތަ ބަރުދަން ލުއިވަމާއި އެހެން އެއްވެސް ކަންބޮޑުވުމެއް ފާހަގަވާނަމަ ދަރިފުޅުގެ ދަގަނޑުގެ ހާލަތު ބެލުން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.