ހުރިހާ ބަދިގެއެއްގައިވެސް ބޭނުންކުރާ ތެޔޮ ފުޅިއަކީ ދިވެއިން އެއާއި ނުލާ ކާނާ ތައްޔާރު ކުރަން އުނދަގޫ އެއްޗެކެވެ. ތަފާތު އެތައް ކެއުންތަކެއް ތައްޔާރު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ކެއްކުމުގައި ތެޔޮ މަދުކުރަން މަސައްކަތް ކުރި ނަމަވެސް، އާންމުކޮށް ބޭނުންކުރާ ތެލަށް ވުރެ މާ ގިނައިން ތެޔޮ ބޭނުންކުރަންޖެހޭ ވަގުތުތަކެއް ވެސް އާދެ އެވެ. ޑީޕް ފްރައިޑް މަސް ނުވަތަ މުށިމަސް ތެލުލާއިރު އަދި ހެދިކާގެ ބައެއް ބާވަތްތަކަށް ވިސްނާލުމުން ތެޔޮ ގިނައިން ބޭނުންވާ ސަބަބު އެނގިގެންދާނެއެވެ. އެ ތެޔޮގަނޑު އިސްރާފު ނުކުރުމުގެ ގޮތުން ފަހުން އެ ތެޔޮ އެހެން ކާނާއެއް ހެދުމުގައި ބޭނުންކުރާ ކަމީ ވަރަށް ގިނަ ބަޔަކު ގެންގުޅޭ އުސޫލެކެވެ. އެހެނަސް މިކަމަކީ ހަށިގަނޑަށް ގިނަގުނަ ގެއްލުންތަކެއް ލިއްބައިދޭ ކަމެއްކަމަށް ދިރާސާތަކުން ވަނީ ފާހަގަކޮށްފައިވެއެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ އަލުން ބޭނުންކުރުމަކީ ނިއުރޯޑިޖެނެރޭޓިވް ބަލިތަކުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ
ކެއްކުމަށް އަލުން ތެޔޮ ބޭނުން ކުރާއިރު، ‘އެލްޑީހައިޑްސް’ ފަދަ ވިހަ ކެމިކަލްތަކުގެ މިންވަރު އެ ތެލުގައި މަތިވެގެންދެއެވެ. އެއީ އަލްޒައިމާސް އަދި ޕާކިންސަން ބަލި ފަދަ ސިއްހީ ގިނަ ހާލަތްތަކަކާ ގުޅިފައިވާ ކަންތައްތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އެޗްއެންއީ ނަމަކަށްކިޔާ ވިހަ މާއްދާއެއްވެސް ތެޔޮގަނޑު އަލުން ހޫނުކުރުމުން ތެލުގައި އުފެދި އަހަރެމެންގެ ހަށިގަނޑުގައި ހުންނަ ޑީއެންއޭ އާއި ޕްރޮޓީންތަކުގެ މަސައްކަތްތަކަށް ބަދަލު ގެންނަތަން އާދެއެވެ.
އަލުން ބޭނުންކުރާ ތެލުގެ ސަބަބުން ހިތަށް ކުރާ އަސަރު
ތެޔޮގަނޑު ތަކުރާރުކޮށް ބޭނުންކުރުމުން އޭގައި އެކުލެވޭ ޓްރާންސް ފެޓްސްގެ ނިސްބަތް އިތުރުވެ، ކާޑިއޯ ވެސްކިއުލަރ ބަލިތައް (ހިތުގެ ބަލިތަށް) ޖެހުންމުގެ ނުރައްކާ އިތުތުވެގެންދެއެވެ. އަލުން ހޫނުކޮށްފައިވާ ތެލުގައި ކައްކާ ކާނާގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް ލެވެލް (ނުބައި ކޮލެސްޓްރޯލް) އިތުރުވެ، ސްޓްރޯކް ނުވަތަ މޭގައި ރިއްސުމުގެ ފުރުސަތު ބޮޑުވުންވެސް އެކަށީގެންވެއެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ އަލުން ބޭނުންކުރުމުން ފުރަމޭއަށް ގެއްލުން ލިބެއެވެ.
އަހަރެމެންގެ ހަށިގަނޑުގެ ހުރިހާ ބައިތަކަކީ މުހިއްމު ބައިތަކެކެވެ. ފުރަމޭ (ލިވާރ) އަކީވެސް މި ހަށިގަނޑުގައި މުހިއްމު ރޯލެއް އަދާކުރާ ގުނަވަނެކެވެ. މިއީ މެޓަބޮލިޒަމްގައި ބޮޑު ދައުރެއް އަދާކުރާ އަދި ގްލައިކޯޖަން ރައްކާކުރުމާއި، ޕްލާސްމާ ޕްރޮޓީން ސިންތެސިސް ކުރުމާއި، ބޭސްތައް ޑިޓޮކްސިފިކޭޝަން ފަދަ ގިނަ މަސައްކަތްތަކެއް ކުރާ އެއްޗެކެވެ. ތެޔޮ ފަހަރު ހޫނުކޮށް ކާނާގައި ބޭނުންކުރުމަކީ ފުރަމޭއަށް ގެއްލުން ލިބޭ ކަމުގެ ނިޝާނެއް ކަމަށްވާ ލޭގައި ހުންނަ އެންޒައިމްތަކުގެ މިންވަރު އިތުރުކޮށްދޭ ނުރައްކާތެރި ކަމެކެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ އަލުން ބޭނުންކުރުމުން ދިފާއީ ނިޒާމު ދަށްވެގެންދެއެވެ.
ކުރިން ބޭނުންކޮށްފައިވާ ތެޔޮ އަލުން ބޭނުންކޮށް ކާނާ ތައްޔާރުކުރުމަކީ ހަށިގަނޑުގައި ފްރީ ރެޑިކަލްސް އިތުރުކޮށް، އެކަމުގެ ސަބަބުން ދުޅަހެޔޮކަން ދަށްކޮށްދޭ ކަމެކެވެ. ދިފާއީ ނިޒާމު ދަށްވެ، އިންފެކްޝަންތައް ޖެހުމަށް ފަސޭހަކޮށްދޭ ކަމެކެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ އުކާލަންވީ ކޮން އިރަކު؟
* ތެޔޮ ތަކުރާރުކޮށް ބޭނުންކުރުމުން އޭގެ ކުލަ ގަދަވެގެންދެއެވެ. ކުލައަށް ބަދަލު އައުމުން އޭގެ މާނައަކީ އޭގައިވާ މޮލިކިއުލްތަށް ވަނީ އަނދާފައިކަމެވެ. އަވަހަށް ތެޔޮގަނޑު އެއްލާލާށެވެ.
* ކެއްކުމަށް ބޭނުންކުރާ ތެޔޮ ބޭނުންކުރިވަރަކަށް އޭގެ ވިސްކޯސިޓީއަށް އަންނަ ބަދަލެއްގެ ގޮތުގައި ތެޔޮގަނޑު އާންމުކޮށް ހުންނަ ވަރަށްވުރެ އޮލަވެގެންދެއެވެ. އެއްލާލާށެވެ.
* ތެޔޮ ރަންސިޑް ނުވަތަ “އޮފް” ނުވަތަ ނުބައި ވަސް ދުވާނަމަ ލަސްނުކޮށް އަވަހަށް އުކާލާށެވެ.
މިވެވެނީ ވަރަށްބޮޑު އިސްރާފެކޭ ހިތަށްއަރާފާނެއެވެ. އަދި މިކަމަށްވުރެ މާ ނުރައްކާތެރި ކަންކަންވެސް ހުންނާނެތާއޭ ހިތަށް އަރާފާނެއެވެ. އެހެނަސް ދިރިއުޅުމުގައި ސިއްޙީގޮތުން ނުރަނގަޅު ކަންކަން ހުރުމަކީ އިތުރު ނުރަނގަޅު ކަންކަން ކުރަންވީ ސަބަބެއް ނޫންތާއެވެ. އެހެނަސް ފަހަރަކު ކަމަކުން ހެޔޮ ބަދަލު ގެންނަން ފެށުމުން ސިއްޙީ ހެޔޮ ބަދަލުތަށް ދިރިއުޅުމުން ފެނިގެންދާނެއެވެ.