ރަމަޟާން މަހުގައި މިވަނީ މައިގަނޑު ދެ ކެއުމެވެ. އެއީ ހާރުކެއުމުގެ ވަޤުތާއި އިފްތާރު ވަޤުތުގެ ކެއުމެވެ. ރޯދައަށް ހުރުމަށްޓަކައި ދުޅަހެޔޮ ސުހޫރެއް ބޭނުންވާއިރު، އިފްތާރަކީ ރޯދަ ދޫކޮށްލުމަށްފަހު ނަގާ ފުރަތަމަ އަދި މައިގަނޑު ކެއުމަކަށް ވާތީ، ސިއްހަތަށް ފައިދާހުރި އަދި ނިއުޓްރިޝަނަލް ބެލެންސްޑް ކާނާ މިވަޤުތަށް ޚާއްސަކުރުން މުހިންމެވެ.
ދުޅަހެޔޮ އިފްތާރެއއ ނެގުމުން މި ބަރަކާތްތެރި މަހުގެ އަޅުކަންތަކުގެ އެންމެ ފުރިހަމަ ފައިދާ ހޯދުމަށް ހަކަތަވެރިކަމާއެކު ތިބުމާއި، މި މަހު ވަރަށް އާންމުކޮށް ދިމާވާ ނޭދެވޭ ކަމެއް ކަމުގައިވާ ބަރުދަން އިތުރުވުމުން ދުރުހެލިކޮށްދޭނެއެވެ. ވީމާ ދެތިން ކަމަކަށް ބަލާލަމާތޯއެވެ.
ކެއުން ކުޑަކޮށް މަޑުޖައްސާލާ
ރޯދަ ވީއްލާއިރު ވީހާވެސް އަވަހަކަށް އަފި އެވަޤުތުން ވަޤުތަށް ބޮޑު ކެއުމެއް ކެއުމުން ދުރުހެލިވުމަށް މަސައްކަތް ކުރުން މުހިންމެވެ. ރޯދަ ދޫކޮށްލާ ވަޤުތު ކަދުރާއި، ފެނާއި، މޭވާކޮޅެއް އިޚްތިޔާރުކޮށް މައިގަނޑު ކެއުން ނަމާދުގެ ފަހަށް ތާވަލުކޮށްލާށެވެ. މިހެން ޢަމަލު ބަހައްޓަން މި ޖެހެނީ، މުޅި ދުވަހު ރޯދައަށް ހުރެފައި، އެ ރޯދަ ދޫކޮށްގަޑޯގައި ވެފައި ހުންނަ ބަނޑުހައި ހޫނުކަމެއްގެ ސަބަބުން ކާންޖެހޭ މިންވަރަށްވުރެ ގިނައިން ކެވުން އެކަށީގެންވާތީއެވެ. އެހެނަސް، މަޤްރިބް ނަމާދުން އަވަދިވެގެން، ނުވަތަ ރޯދަ ދޫކޮށްލުމާއި މައިގަނޑު ކެއުމާއި ދެމެދު އެހާކަންހާ ވަޤުތުކޮޅެއް ލުމުން ދެން ކާން އިށީންނައިރު ބަނޑުހައިވުމާއި ގުޅޭ ހޯމޯންތަށް މައިތިރިވެ، ހަނަޖެހިލައިގެން ރަނގަޅު މިންވަރަކަށް މަޑުމައިތިރިކަމާއި އެކު ކާން ފުރުސަތު ލިބި ކެއުމުގެ އުފަލާއި ހިތްހްމަޖެހުން ލިބިގެންދާނެތީއެވެ.
ތެލުލީ ކާނާ މަދުކުރުން ނުވަތަ އެއްވެސް ގޮތަކަށް ނުހިމެނުން.
ޙަޤީޤަތަށް ދަންނަވާނަމަ ދިވެހިން އާންމުކޮށް ރޯދަ ދޫކޮށްލާ ހެދިކާ ފަދަ ކާނާ އަކީ މުޅި ދުވަހު ނުކައިހުރެފައި އެންމެ ފުރަތަކަ ކައިގަންނަ ބާވަތްތަކުގައި ހިމަނަން އެންމެ ބުއްދިވެރި ތަކެއްވެއް ނޫނެވެ. އެހެނަސް އެފަދަ ކާނާ ކެއުމަކީ މަޖުބޫރު މާއްދާއެއް ކަމުގައިވާނަމަ ތެލުލުމުގެ ބަދަލުގައި ފިހެލުން ނުވަތަ އެއާރ ފަރައިޔާއެއްގެ ބޭނުން ކުރެވިދާނެއެވެ. އެންެގެނަސް އެންމެ އެދެވިގެންވަނީ އެކީއެކަށްޗަކަށް ދޫކޮށްލުމެވެ. ކާން ވަރަށް މީރުވެދާނެއެވެ. ނަމަވެސް ވަޤުތާއި ޙާލަތަށް ބަލާއިރު މިއީ ހަށިގަނޑުގެ ބްރުދަން އިތުރުކޮށްދޭ، ކެލަރިސް އިންތިހާއަސް ހިމެނޭ ކާއެއްޗިއްސެވެ. ރޯދަމަހު ބަރުދަން އިތުރުވާހެން ހީވާނަމަ، ކެއުމުގައި އެކުލެވިފައިވާ ތެލުލީ ކާނާއާއި ދުރުވާން އެބަޖެހެއެވެ.
ޕްރޮޓީން އެކުލެވޭ ކާނާ ގިނަކުރުން
ގިނަ އިފްތާރު ސުފުރާތަކަކީ ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ އަދި ޕްރޮޓީން މަދު ސުފުރާތަކެއްކަން ފާހަގަކޮށްލެވެއެވެ. އެތަކެއް ގަޑިއިރު ނުކައި ރޯދައަށް ހުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އިފްތާރެއްގައި ޕްރޮޓީންގެ މަސްދަރެއް ހިމަނާލުން މުހިންމެވެ. މިވަޤުތަށް އެކިއެކި ތަފާތު ކާބް ހިމެނޭ ކެއުންތަށް ތައްޔާރު ކުރުމަށްވުރެ، ރޯދަމަސް ނޫން މަސްތަކުގައިވެސް ކައިއުޅޭ ކެއުންތަށް މާ އެކަށޭނަކަމަށް ބެލެވެއެވެ. މިސާލަކަށް ކޮންމެވެސް މަހެއް ނުވަތަ ކުކުޅު ކިރުގަރުދިޔަ، ކުކުޅާއި ތަރުކާރީ، މުގު ރިހަ، ފިހުނު މަސް ފަދަ ކާނާއިން ހަށިގަނޑަށް ކުރާ ފައިދާ ބޮޑުވާނެއެވެ. އަދި މަދު އެތިކޮޅަކުން ހިތްހަމަޖެހި މާގިނައިން ކެއުމުން ދުރުކޮށްދޭނެއެވެ.
ހަކުރު އެކުލެވޭ ބުއިންތައް ފެނާއި ބަދަލުކުރުން
ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ތެރޭގައި ކަރާފަންޔާއި އެކިއެކި އެހެނިހެން މީރު ޖޫސްތަކުން ސުފުރާމަތި ތާޒާކޮށްލާ ދުވަސްވަރެކެވެ. ކެއުމަށްފަހު މި ޖޫހުން ކަރުތެރެ ސާފުކޮށްލާއިރު މިއީ އިންތިހާއަށް ހަކުރެވެ. ޖޫހާއި ފަނީގެ ބަދަލުގައި ފެން އިޚްތިޔާރު ކުރެވިދާނެއެވެ. އަދި ޑީޓޮކްސް ފެނަކީވެސް ރަނގަޅު ޙިޔާލަކަށްވެގެންދާނެއެވެ. ޖޫހުގެ ބަދަލުގައި ފެން ޖަގަކަށް މިންޓް ލީފް، ރީންދޫ ބޮޑު ލުންބޯ، އޮރެންޖް، އާފަލު، ކިއުކަމްބާ ފަދަ ތަކެތިން އެބޭފުޅަކު ހިތް ގަޔާވާ ރަހަތަށް އެކުލަވާލެވިދާނެއެވެ. މިފެނުން ބަރުދަން ލުއިކޮށްދިނުމަށް އހީވެދީ ގައިގެތެރޭގައި ހުންނަ ވިހަ މާއްދާތަށް ނައްތާލާ ހަށިގަނޑު ޑިޓޮކްސް ކޮށްލަދޭނެކަމަށް ދިރާސާތަކުން ދައްކައެވެ.
ހަނދާނުގައި އަބަދުވެސް ބަހައްޓަންވީ އެއް ނުކުތާއަކީ، ރަމަޟާން މަހަކީ ކެއުމުގެ މައްސަރު ނޫންކަމެވެ. މިއީ އަޅުކަމުގެ މައްސަރެވެ. އެހެންކަމުން ކެއުމުގެ ނިޒާމްވެސް ބަހައްޓަން މިޖެހެނީ ލޮޑްވުމާއި ބަރުހެލިކަމުން ދުރުވެ އަޅުކަމަށް އެންމެ ހަކަތަ ލިއްބައިދޭ ގޮތަށް ނޫންތޯއެވެ. ނޭގި ތިއްބާ ފަހުދިހައެއް ޖެހިއްޖެއެވެ. އެހެނަސް އިފްތާރާއި ސުޙޫރްގެ ކެއުން ދުޅަހެޔޮ ބަދަލުތައް ގެންނަން ލަހެއްނުވޭތާއެވެ.
[…] ރަމަޟާން މަހުގައި މިވަނީ މައިގަނޑު ދެ ކެއުމެވެ. އެއީ ހާރުކެއުމުގެ ވަޤުތާއި އިފްތާރު ވަޤުތުގެ ކެއުމެވެ. ރޯދައަށް ހުރުމަށްޓަކައި ދުޅަހެޔޮ ސުހޫރެއް ބޭނުންވާއިރު، އިފްތާރަކީ ރޯދަ ދޫކޮށްލުމަށްފަހު ނަގާ ފުރަތަމަ އަދި މައިގަނޑު ކެއުމަކަށް ވާތީ، ސިއްހަތަށް ފައިދާހުރި… އިތުރަށް ވިދާޅުވޭ […]