ރީނދޫ (ޓާމިއުރިކް) ފެނަކީ އެތަކެއް ފައިދާތަކާއި ފަރުވާތަކެއް އޭގައި އެކުލެވޭ ހަންގަނޑަށް ފަރުވާ ދިނުމުގައި ޚާއްސަކޮށް ބޭނުންކުރާ ފެނެކެވެ. މިފެނަކީ އެންޓިބެކްޓީރިއަލް ސިފަތަކެއް ހުންނަ ފެނަކަށް ވާތީ ހަމުގެ މައްސަލަތަކަށް ފަރުވާ ދިނުމާއި ރައްކާތެރިވުމުގައި އެހީތެރިވެދޭކަން ފާހަގަކުރެވެއެވެ. އަދި ހެނދުނު ހެނދުނާ ހާބަނޑާ ބުއިމުން ފުޅާ ދާއިރާއެއްގައި ބަލިތަކަށް ފަރުވާ ދިނުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ވީމާ މިފެނާއިމެދު ދިރާސާކޮށްލަމާތޯއެވެ.
ހަޖަމްކުރުމުގެ ނިޒާމަށް ލުޔެއް
ހަޖަމުގެ ނިޒާމުގައި ތަކުލީފުތަކަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކަމެއްކަން ފާހަގަކޮށްލެވެއެވެ. ގޮހޮރުގައި އަލްސާ ނެގުމާއި، ގޭސްވުމާއި، ބަނޑު ހަރުވުން މިއީ އެންމެ ދެތިންކަމެކެވެ. ހެނދުނު ހެނދުނާ ހުސްބަނޑަ ރީނދޫ ފެންތައްޓެއް ބޯލުމުނއ ހަޖަމުކުރުމުގެ މައްސަލަތަކަށް ފައިދާހުރި ގޮތެއްގައި ޝިފާ ލިބިގެންދާކަމަށް އެކިއެކި ދިރާސާތަކުން ނަތީޖާ ނެރެފައިވެއެވެ. ރީނދުލަކީ ބައިލް އުފެއްދުމަށް ބާރުއަޅާ އެއްޗަކަށްވެފައި މިއީ ސަރުބީ ހަޖަމުކުރުމަށްވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ބެލެވެއެވެ.
ބަރުދަން ލުއިކުރުމަށް މަގެއް
ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި ނަތީޖާއަކާއި މެދު ވިސްނާ ފިކުރު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންބާއެވެ؟ ހަށިގަނޑުގެ އެކި ދިމަދިމާލުގައި ސަރުބި ރައްކާވެފައި ހުރުމުގެ ސަބަބުން ކޮލެސްޓްރޯލް ފަދަ އެކުއެކި ބަލިބަލި ތަހަންމަލު ކުރަނީ ކިތައްމީހުންބާއެވެ. އެފަދަ މީހުންނަށް ރީނދޫ ފެނަކީ ފައިދާ ކުރަނިވި ފެނަކަށް ވުން ވަރަށް ގާތެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރީނދުލުގައި ހިމެނޭ ކަރކިއުމިން އަކީ ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ، ފަލަވުމާ ގުޅުންހުރި އެކި ކަންކަމަށް ނުފޫޒު ފޯރުވައިދީ، އިންސިއުލިންގެ ނާޒުކުކަން ހެޔޮ ބަދަލުތަކެއް ގެނުވައިދީ، ފެޓް މެޓަބޮލިޒަމް ރެގިއުލޭޓް ކުރަންވެސް އެހީވެދޭ އެއްޗެކެވެ.
ކޮލެސްޓްރޯލް، ހަކުރުބަލި، އަދި ހައި ބްލަޑް ޕްރެޝަރ މެނޭޖްކުރުން
ކޮލެސްޓްރޯލް މަތިވުމާއި، ހަކުރުބަލި ފަދަ މެޓަބޮލިކް ޑިސްއޯޑަރެއްގެ އެއްވެސް މައްސަލައެއް ދިމާވާނަމަ ގިނައިން ރީނދޫ ފެން ބޭނުން ކުރުން މުހިންމެވެ. އިންސިއުލިންގެ ނާޒުކުކަމަށް އެހީތެރިވެދޭ ކަމަށް ބެލެވޭ މި ފެނަކީ، ލޭގައި ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރުމުގައި ވަރަށްބޮޑު ދައުރު އަދާކުރާކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.
ޑިޓޮކްސިފިކޭޝަން
ރީނދުލަކީ ޑިޓޮކްސިފައިން ޕްރޮޕަޓީސް ހުންނަ ހަށިގަނޑުގައި ޑިޓޮކްސިފިކޭޝަން އަށް ޒިންމާވާ އިސް ގުނަވަން ކަމަށްވާ ފުރަމެއަށް އެހީތެރިވެދޭ އެއްޗެކެވެ. ފުރަމޭގެ ދުޅަހެޔޮ ވަޒީފާއެއް އަދާކުރުމަކީ ޖުމްލަގޮތެއްގައި ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަދިވެސް އެތަކެއް ފައިދާތަކަކާއި ފަރުވާތަކެއް އެކުލެވޭ މި ފެނަކީ ކޮންމެ ހެނދުނެއްގައި ހާބަނޑާ ބޯލުމުން ވަށާޖެހި ސިއްޙީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ގެނުވައިދޭނޭ ކަމެއްކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. މިކަމުގައި ބައިވެރިވާނީ ކިތައްމީހުންބާއެވެ.