- Advertisement -ad image

ކުއްޅަވައް: ހުރިތަނަކުން ހޯދައިގެންވެސް ކާންޖެހޭ މޭވާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ކުއްޅަވަކަކީ އެކި ކަންކޮޅުތަކުގެ ކުޅިތަކަށް ޚާއްސަ މޫސުމީ މޭވާއެކެވެ. މިމޭވާ އަޅާ ދުވަސްވަރު ކަމަށް މިބެލެވެނީ އޭޕްރީލް މަހާއި ޖުލައި މަހާއި ދެމެދު އަދި އޮކްޓޯބާރ މަހާއި ޖަނަވަރީ މަހާއި ދެމެދުއެވެ. މިއީ ކެއުންބުއިމުގެ އިތުރަށް ސިއްޙީ އެކިއެކި ކަންކަމަށްވެސް ބޭނުންކުރަމުންދާ އެތަކެއް ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. ކުއްޅަވަކުން ފެނިގެންދާ މާއްދާތަކާއި އޭގެ ފައިދާތަކަށް ބަލާލަމާތޯއެވެ.

ވިޓަމިން ސީ

ކުއްޅަވަކުގައި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިން ސީގެ މިންވަރު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ވިޓަމިން ސީ އަކީ ދަގަނޑު ޖަހައިގަތުމުގެ ޕްރޮސެސްއަށް އެހީތެރިވެދޭ އަދި ދިފާއީ ނިޒާމުގެ ލިމްފޯސައިޓްސް ކިޔާ ސެލްތަކަށް ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ވާގިވެރިވެދޭ އެއްޗެކެވެ. ނަމަވެސް ވިޓަމިން ސީ އަކީ ހޫނަށް ބަލި އެއްޗަކަށް ވުމުގެ ސަބަބުން އޭގެ ނިއުޓްރިޝަނަލް ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތައް ކައްކާއިރު ގެއްލިގެން ދިޔުން އެކަށީގެންވެއެވެ. ކުއްޅަވަކުން އޭގެ ވިޓަމިން ސީ އެންމެ ރަނގަޅަށް ޖަހައިގަނެވޭނީ ރޮލާއި ކާއިރުއެވެ. އެހެނަސް މި މޭވާގައި ހުންނަ ހުތް ރަހައިގެ ސަބަބުން ހުހަށް ކާން އުނދަގޫވެދާނެތީ، ހުތްއަނބެއް ފަދައިން ރިހާކުރު ނުވަތަ ނޫޑުލްސްގެ ލޮނުޕެކެޓުން އެތިކޮޅަކާއި އެކުގައިކަހަލަ ގޮތަކަށް ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

ވިޓަމިން އޭ އަދި ކޭ

 މި މޭވާގައި ހިމެނޭ ވިޓަމިން އޭ އަކީ ދިފާއީ ނިޒާމު ފަހި ގޮތެއްގައި މަސައްކަތް ކުރުވައިދީ ބަލިތަކާއި އިންފެކްޝަންތަކާއި ދެކޮޅަށް ހަނގުރާމަ ކުރާ ވިޓަމިނެކެވެ. އަދި ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި ލޮލުގެ ފެނުމަށްވެސް އެހީތެރިވެދޭ ވިޓަމިނެއްކަން ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން ޒަޚަމްތައް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ ވިޓަމިން ކޭގެ މާއްދާވެސް ކުއްޅަވަކުގައި ހިމެނޭކަމަށްވެއެވެ. މިއީ ކައްޓާއި ހުޅުހުޅުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާއެކެވެ. 

ފައިބަރ 

ކުއްޅަވަކުގައި ގިނަ ޢަދަދަކަށް އެކުލެވޭ ފައިބަރިގެ މިންވަރަކީ ހަޖަމުކުރާ ނިޒާމު ރެގިއުލޭޓް ކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ކޮންމެ ދުވަހަކުވެސް ކެއުމަށް ބޭނުންކުރާ ކާނާތަކު ތެރޭގައި ފައިބަރު އެކުލެވޭ މޭވާތަކާއި ތަރުކާރީ ހިމެނުން މުހިންމުވާއިރު، ކުއްޅަވަށް ވެގެންދާނީ ވަރަށްވެސް ފައިދާކުރަނިވި މޭވާއަކަށެވެ. 

ބޭސްވެރިކަމަށް ޚާއްސަ

އިހުގެ ދިވެހިން ކުއްޅަވަށް ކެއުކުގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ބޭނުން ކުރިކަމަށްވެއެވެ. އޭގެ ތެރޭގައި ލޭމަނާކުރުމަށްޓަކައި ކުއްޅަވަށް ޖޫސް ދިނުމާއި، ކަނޑައިގެންދާ ތަންތަނާއި، ހަންމަށައިގެން ދާތަންތަނުގައި އަދި ނޫފައިގަންނަ ތަންތަނުގައި ކުއްޅަވަކުގެ ފަތް ޗިސްކޮށްފައި ލޮނާއި އެއްކޮށްގެން ހަދާ އޮލަ ޕޭސްޓްއެއް އެޅުން ފާހަގަކޮށްލެވެއެވެ. އަދި ދޮން ނުވާ ޅަ ކުއްޅަވައް ކައްކައިގެން ކެއްސުމަށްވެސް ދިންކަމަށްބެލެވެއެވެ. މީގެ އިތުރުންވެސް މިމޭވާއިން ހަދާ ކްރީމަކުން ސޫފި ދަތްއެޅުމާއި، ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރިކަމަށްވެސް ވެއެވެ.

ކުއްޅަވަކުގެ ބޭނުން އެކި ގޮތްގޮތަސް ހާސިލްކުރެވިދާނެއެވެ. ހޫނުދުވަހެއްގެ ކަރުހިއްކުން ފިލުވާލާ ޖޫހެއްގެ ގޮތުގައެވެ. މެންދުރު ކެއުމަށް ކައްކާ ރިބައިގެ ގޮތުގައެވެ. ޑައެޓް ކުރާކުފިން ސެލެޑަށް އަޅައިގެންވެސް ކެވިދާނެއެވެ. މިމޭވާއަކީ އެހާ އާންމު އެއްޗަކަށް ނުވާތީ، ލިބޭފަހަރު އޭގެ ފައިދާނަގާލަންވާނެތާއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ކުއްޅަވަކަކީ އެކި ކަންކޮޅުތަކުގެ ކުޅިތަކަށް ޚާއްސަ މޫސުމީ މޭވާއެކެވެ. މިމޭވާ އަޅާ ދުވަސްވަރު ކަމަށް މިބެލެވެނީ އޭޕްރީލް މަހާއި ޖުލައި މަހާއި ދެމެދު އަދި އޮކްޓޯބާރ މަހާއި ޖަނަވަރީ މަހާއި ދެމެދުއެވެ. މިއީ ކެއުންބުއިމުގެ އިތުރަށް ސިއްޙީ އެކިއެކި ކަންކަމަށްވެސް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ