އިނގުރޭ ބުނުމުން އެންމެ ފުރަތަމައަށްވެސް ހިތަށް ގެނުވައިދެނީ އޭގެ ވަރުގަދަ ރަހަނޫންތޯއެވެ. މި ރަހަގަނޑު ކަމުދާ މީހުންއުޅޭއިރު، އިނގުރު ކޮޅެއްހެފުމުން ކެއުންގަނޑު ޚަރާބުވާ މީހުންވެސް މަދެއްނޫނެވެ. އެބޭފުޅުންނަށް ބުނެލަން އޮތީ މިއީ ނުބަޔަސް ނުކައި ދޫކޮށްލަންވީ އެއްޗެއްނޫންކަމެވެ. އެއީ ކީއްވެތޯއެވެ؟
ގިނަބަޔަކު މޫސުމީ ރޯގާގެ ޝިކާރައަކަށް ވުމުން އަދި ކަރުތެރެގައި ރިއްސުމަށް ފަރުވާއެއްގެ ގޮތުގައި އިނގުރު ބޭނުން ކުރެއެވެ. އޭގެ އެންޓިވައިރަލް، އެންޓިބެކްޓީރިއަލް، އަދި އެންޓި-އިންފްލެމެޓަރީ ސިފަތަކުގެ ސަބަބުން ތަދުވުމާއި ދުޅަހެޔޮކަން މެނޭޖްކުރުމަށް އެހީތެރިވެދޭކަމަށްއެވެ. އެހެނަސް ޙަޤީޤަތުގައި މިއީ ހަމައެކަނި ރޯގާއަށް ފަރުވާއެއް ނޫނެވެ. އެވޭލާ ޒަމާނުއްސުރެ މީހުން ވަނީ އާތްރައިޓީސް (ހުޅުހުޅާއި ކަށިތަކުގައި ރިއްސާ ބަލި) އިން ފެށިގެން ބަނޑުގެ ބަލިތަކަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.
މީގެ އިތުރުންވެސް، ގޭސްޓިކްގެ ތަކުލީފުތަށް ލުއިކޮށްދިނުމާއި، ހަޖަމްކުރުމުގެ ނިޒާމް ސްޓޭބަލައިޒްކުރުމާއި. މާބަނޑު އިރު ދިމާވާ މޭނުބައިކުރުމާއި ހޮޑުލެވުމަށް ލުއިކަމެއް ގެނެސްދިނުމާއި، ދިފާއީނިޒާމް ރަނގަޅުކުރުމާއި، އެކިއެކި ތަދުތައްކެނޑުވުމަށް އެހީވުމާއި، ޚާއްސަކޮށް މައްސަރުދުވަސްވަރު އަންހެން ކަނބަލުންނަށް އަންނަ ބަނޑުރިހުން ކުޑަކޮށްދިނުމާއި، ކާޑިއޯވެސްކިއުލާރ (ހިތުގެ) ސިއްޙަތަށް އެހީތެރިވުމާއި އަދި ކެންސަރުގެ ނުރައްކާ ކުޑަކުރުމަކީވެސް އިނގުރުން ލިބިގެންދާ ބައެއް ސިއްޙީ ފައިދާކަމަށް އެކިއެކި ދިރާސާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އިނގުރުގައިވާ ބޭސްވެރިކަމުގެ ސިފަތައް
އިނގުރުގައި ހިމެނެނީ ޖިންޖަރޯލްސް އާއި ޝޯގައޯލްސް ކިޔާ ކޮމްޕައުންޑްތަކެކެވެ. ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ކޮމްޕައުންޑްތަކުގެ ސަބަބުން އިނގުރަށް އޭގެ ބޭސްވެރިކަމުގެ ސިފަތައް ލިބިގެންދެއެވެ. އޭގެތެރޭގައި:
އެންޓިވައިރަލް އަދި އެންޓިބެކްޓީރިއަލް
ޓެސްޓް ޓިއުބްގައި ހަދާފައިވާ ދިރާސާތަކުން އިނގުރުގައި އެންޓިވައިރަލް ޕްރޮޕަޓީސް ހުންނަކަމަށް ދައްކައެވެ. ތަދުތަކަށާއި ހުންއައުމުން ބޭނުންކުރުމަށް އިނގުރަކީ ފައިދާހުރި އެއްޗެއް ކަމަށް ދިރާސާވެރިން ވަނީ ފާހަގަކޮށްފަ އެވެ.
ތާޒާ އިނގުރަކީ ނޭވާލާ ނިޒާމުގެ ވައިރަސްތަކާ ދެކޮޅަށް ފައިދާހުރި އެއްޗެއްކަމަށް ބެލެވެއެވެ. 2013 ވަނަ އަހަރު ކުރި ލެބޯޓްރީ ދިރާސާއަކުން ދައްކާ ގޮތުގައި ނޭވާލާ ނިޒާމުގެ އިންފެކްޝަންގެ މޮޑެލްތަކުގައި ތާޒާ އިނގުރުގެ އެންޓިވައިރަލް އަސަރުތަކެއް ކުރިކަމަށް ރިޕޯޓްކޮއްފައިވާއިރު، ހިއްކާފައިވާ އިނގުރުގެ އެއްވެސް އަސަރެއް ނުކުރާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ދިރާސާއިން ފާހަގަކުރި އިތުރު އެއްކަމަކީ، އިނގުރަކީ ވައިރަހެއްގެ ނަސްލު އުފެއްދުން ހުއްޓުވާ އެއްޗެއް ކަމަށްވުމެވެ. މިކަމުގެ ސަބަބުން ވައިރަލް ރޯގާގެ ޢަލާމާތްތަށް އަވަހަށް މަތަކޮށްލާ އެއްޗަކަށްވެސް އިނގުރު މިވަނީ ވެފައެވެ.
އެންޓި އިންފްލެމެޓަރީ
ކަރުތެރޭގެ އިންފެކްޝަންތަކުގެ ލެބޯޓްރީ މޮޑެލްތަކުގައި އިނގުރުން އެންޓި-އިންފްލެމެޓަރީ އެކްޓިވިޓީއެއް ފެނިފައިވެއެވެ. ދިރާސާވެރިން ލަފާކުރާ ގޮތުގައި އިނގުރަކީ ކަރުތެރޭގެ ފަހަތުގައި ހުންނަ ދުޅައެއް ކަމަށްވާ ފަރިންޖައިޓިސް ކުޑަކޮށްދޭ އެއްޗެކެވެ.
އެންޓިއޮކްސިޑެންޓް
މީގެ އިތުރުން 2012 ވަނަ އަހަރު އިނގުރާއި، އެލިގޭޓަރ މިރުހާއި، އަދި ނަޓްމެއިކުގެ މައްޗަށް ކުރެވުނު ލެބޯޓްރީ ދިރާސާއަކުން ދައްކާ ގޮތުގައި މި ތިން ބާވަތުގެ ތެރެއިން އެންމެ ގިނައިން އެންޓިއޮކްސިޑެންޓްގެ އަސަރު ކުރަނީ އިނގުރުންނެވެ. އެންޓިއޮކްސިޑެންޓްސް އަކީ ދުޅަވުމުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
އިނގުރު ބޭނުން ކުރާނެ ގޮތްތަށް
އިނގުރަކީ ސްޕައިސީ ފްލޭވަރ އާއި ހޫނުކަމެއް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ބޭސްވެރިކަމުގެ ސަބަބުން ކަރުތެރޭގައި ރިއްސުން ނުވަތަ ކަރުތެރޭގައި އިންފެކްޝަން ޖެހުމުން ލުއި ލިބިދާނެ އެވެ. އަދިވެސް އެހެނިހެން ބަލިތަކާއި މާބަނޑުވުމުން އަންނަ މޭނުބައި ކުރުމާއި ހޮޑުލެވުމަށްވެސް ލުޔެއް ގެނުވައިދޭކަމަށް ބެލެވެއެވެ. އެހެންކަމުން އިނގުރު ބޭނުންކޮށްލެވޭ ތަފާތުގޮތްތަކުގެ ތެރޭގައި:
ލުނބޯ އާއި އެކު ހޫނު ފެނަށް ތާޒާކޮށް ގާނާފައިވާ އިނގުރު އަޅާލައިގެން
ތާޒާ ރޫޓް އިނގުރު ކޮޅެއް ކައްކާލުން
ރެސިޕީތަކަށް ތާޒާ އިނގުރު އެޅުން
ޖޫސް ނުވަތަ ސްމޫތީ އަށް ތާޒާ އިނގުރު އެޅުން
ކާށި ފެނާއި ތާޒާ އިނގުރު އެއްކޮށްލައިގެން އިނގުރު “ޝޮޓް” އެއް ހެދުން
އަދި ކެޕްސޫލް ފަދަ އެހެން ގޮތްގޮތުން ވެސް މީހުންނަށް އިނގުރު ބޭނުންކުރެވިދާނެ އެވެ.
ކެޕްސޫލްގެ ގޮތުގައި އިނގުރު ކެއުމަކީ އޭގެ ރަހަ ކަމުނުދާ މީހުންނަށް ރަނގަޅު ގޮތެއްކަމަށްބެލެވެއެވެ. މުހިންމީ ކެޕްސޫލެއްގައި ވިޔަސް، ސަޔަށް އަޅައިގެންވިޔަސް ނޫނީ ރޮލާއި ހަފާލައިގެންވިޔަސް އިނގުރު ބޭނުންކުރުމެވެ. ކެއުންބުއިންތަކުގައި ހިމެނުމެވެ. ބަލި ޖެހުނީމާ އެކަންޔެއްނޫނެވެ. އޭގައި ހިމެނޭ ސިއްޙީ ޕްރޮޕަޓީސް އަކީ އެކިއެކި ކުދިކުދި ބަލިތަކާއި ތަކުލީފުތަކުން ދުރުކޮށްދޭ އެއްޗަކަށްވުމުން ދިރިޢުޅުމުގައިވެސް އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ހަދަން އެބަޖެހެއެވެ.
[…] އިނގުރޭ ބުނުމުން އެންމެ ފުރަތަމައަށްވެސް ހިތަށް ގެނުވައިދެނީ އޭގެ ވަރުގަދަ ރަހަނޫންތޯއެވެ. މި ރަހަގަނޑު ކަމުދާ މީހުންއުޅޭއިރު، އިނގުރު ކޮޅެއްހެފުމުން ކެއުންގަނޑު ޚަރާބުވާ މީހުންވެސް މަދެއްނޫނެވެ. އެބޭފުޅުންނަށް ބުނެލަން އޮތީ މިއީ ނުބަޔަސް ނުކައި ދޫކޮށްލަންވީ… އިތުރަށް ވިދާޅުވޭ […]