ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިމުމަކަށް އަންނައިރު އެކި މީހުންގެ ހާރުގަޑީގެ ކެއުމުގެ ނިޒާމް ވަރަށް ތަފާތުކަން ފާހަގަކުރެވެއެވެ. ބައެއްމީހުން ބަތްޕެން ތައްޓަކުން ފުއްދާލާއިރު، އަނެއްބައި މީހުން ރޮއްޓާއި ރިހައާއި ފިހުނު މަސް ފަދަ ކެއުންވެދް އިޚްތިޔާރު ކުރެއެވެ. ބައެއް ގޭގޭގައި އިފްތާރުން ބާކީވި ހެދިކާގެ ބޭނުން ރަނގަޅުގޮތުގައި ހިފާތަންވެސް އާދެއެވެ. ސުވާލަކީ، ހާރުގަޑީގައި ކާން އެންމެ ރަނގަޅީ ކޯއްޗެއްބާއެވެ.
ހާރުގަޑީގެ ކެއުން ވެގެން މިދަނީ ވަރަށްވެސް މުހިންމު ކެއުމަކަށެވެ. ރޯދައަށް ހުންނައިރު ވަރުބަލި ނުވެ، އެދުވަހެއްގެ މަސައްކަތްތަކާއި އަޅުކަމުގެ ކަންކަމުގައި ވަރުބަލިވުމާއި ނުލާ ކުރިއަށް ދިއުމަށްޓަކައި ދުޅަހެޔޮ ކެއުމެއް ހާރުގަޑީގައި ކެއުން މުހިންމެވެ. އެހެންކަމުން ހާރުގަޑީގައި އެކުލަވާލަންވީ ބައެއް ކާނާއަށް ބަލާލަމާތޯއެވެ.
ކަދުރު
ގިނަ ޢަދަދަކަށް ހަކަތައިގެ މިންވަރު އޭގައި ހިމެނޭ މި މޭވާއަކީ މުސްލިމުންގެ ތެރޭގައި ރޯދަމަހަށް ޚާއްސަވެފައިވާ އެއްޗެކެވެ. ކަދުރުން ފާހަގަވާ ޚާއްސަ އެއް ފައިދާއަކީ، ކަދުރު ކެއުމުން ގިނަ ވަގުތު ބަނޑުހައި ނުވެ ކޫސަނި އެއްޗިހި ކެއުމަށް ހުންނަ ޝަޢުގުވެރިކަން ދުރުކޮށްދޭ ކަމެވެ. ސަބަބަކީ، ކަދުރުގައި ސޮލިއުބަލް ޑައިޓޭރިއަން ފައިބަރސް ގިނައިން ހިމެނޭތީ ޚާއްޞަކޮށް ޕެކްޓިން އެކުލެވޭ މޭވާއެއްކަމުން އޭގައި ހިމެނޭ ފެން ދަމައިގަންނަ ފައިބަރުތަކުގެ ސަބަބުން ބަނޑުގައި ހުންނަ މާއްދާތަކުގެ ފްލޫޑިޓީ އިތުރުވެ، ބަނޑުގައި ކާނާ ހޭދަކުރާ ވަގުތު ދިގުވެ، ބަނޑުހައި ވުމުން ދުރުކޮށްދޭތީއެވެ.
ޕްރޮޓީން އެކުލެވޭ ކަނާ
ރަމަޟާންމަހު ހާރުގަޑީގައި ޕްރޮޓީން ހިމެނޭ ބާވަތްތަށް ކެއުމަށް ސަމާލުކަން ދިނުމުން ޕްރޮޓީންގެ އެންމެ ފާހަގަކޮށްލެވޭނޭ މުހިންމު ކަމަކީ ކުޑައެތިކޮޅަކުން ބަނޑު ފުރި ގިނަ ވަޤުތު ފުރިފައިހުންނަ ކަމުގެ އިހުސާސް ކުރެވޭތީ އެވެ. ހާރުކެއުމަށް ޕްރޮޓީން އިތުރުކުރުމުން ރޯދައަށް ހުންނައިރު ގިނަ އިރުވަންދެން ވަރުބަލިނުވެ، ކެއުމާއި މެދު ނުވިސްނާ ހިތްހަމަޖެހުމާއި އެކު އަޅުކަމުގެ ކަންކަމުގައި ޝާމިލްވެވޭނޭ މަގު ފަހިކޮށްދިނުން އެކަށީގެންވެއެވެ.
ޕްރޮޓީން ކާނާގެ މިސާލުތަކުގެ ތެރޭގައި ބިސް، ކަނޑުމަހާއި އެއްގަމުމަސް، ބީންސް، މުގު އަދި ޔޯގަޓް ހިމެނެއެވެ.
އޯޓްސް
އޯޓްސް އަކީ ކާބޯހައިޑްރޭޓްސް އާއި ފައިބަރު ގިނައިން ހުންނަ އަދި ޕްރޮޓީން އާއި ފައިދާހުރި ފެޓްސް ވެސް ގިނައިން އެކުލެވޭ އެއްޗެކެވެ. އޯޓްސް އަކީވެސް ގިނަވަޤުތު ބަނޑުހައިވިޔަނުދީ، ހާރުގަޑީގައި ކެއުމުން ރޯދައަށް ހުންނަ ވަޤުތުތަކުގައި ބަނޑު ފުރިފައި ހުރިކަމުގެ އިޙްސާސު ގެނުވައިދީ ކެއުމާއިމެދު ވިސްނުން ދުރުކޮށްދޭ އެއްޗެއްކަމަށްވެސް ބެލެވެއެވެ. މިކަން މިހެން ވެގެންދާ ސަބަބަކީ، އޯޓްސްއިން ހަށިގަނޑުގައި ސެޓިއޭޓީ ހޯރމޯން ޕީވައިވައި އުފެއްދުން އިތުރުކޮށް ބަނޑު ހުސްވުން މަޑުޖައްސާލައިދޭތީއެވެ.
ހޯލް ގްރެއިންސް
ހޯލް ގަރެއިންސް އަކީ އޭގައި ހިނަ ޢަދަދަކަށް ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ތަކެއްޗެވެ. ކާބޯހައިޑްރޭޓްސް އަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު އެއް މާއްދާއެވެ. ގިނަ މީހުންނަށް ހާރުގަޑީގައި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްގެ ބަދަލުގައި އާދައިގެ ކާބްސް (އެބަހީ ހަކުރު ގިނަ ސީރިއަލް، ހުދު ރޮށި) ކެއުމުން އޭގެ ކުޑައިރުކޮޅެއް ފަހުން ބަނޑުހައިވެ ވަރުބަލިކަން އިހުސާސް ކުރެވޭތަން އާދެއެވެ. ހޯލް ގްރޭންސްގައި ފައިބަރު ގިނަވުމުން ހަށިގަނޑުގައި ހަކަތަ މަޑުމަޑުން ޖަހައިގަނެގެން ގިނައިރު ބަނޑުހައި ނުވެ ހަކަތަ ލިބިފައިވާ ކަމުގެ އިހުސާސް ކުރެވޭނެ އެވެ.
ހޯލް ގްރޭން ކާބޯހައިޑްރޭޓްސްގެތެރޭގައި ބްރައުން ބްރެޑް، އާޓާފުށު ރޮށި އަދި ބާރލީ ހިމެނެއެވެ.
އެކި ވައްތަރުގެ މޭވާ
މޭވާއާއި ތަރުކާރީ އަކީ އެގައި ފައިބަރު ގިނައިން އެކުލެވޭ، ތަފާތު ގިނަ ވިޓަމިންތަކާއި މިނަރަލްސް ހިމެނޭ ކާނާއެވެ. ބައެއް މޭވާ އަދި ތަރުކާރީތަކުގައި ފެން ގިނައިން ހުރުމަކީ ރޯދައަށް ހުންނައިރު ހައިޑްރޭޝަން އަށް އެހީތެރިވެދޭނެ އެއްޗެކަށްވުންވެސް އެކަށީގެންވެއެވެ.
ފެން
ގިން ރޯދަވެރިންނަށް ކުރިމަތިވާ އެއްކަމަކީ ރޯދައަށް ހުންނަ ވަޤުތު އިތުރުވާ ވަރަކަށް ކަރުހިއްކައިގަތުމާއި ޑީހައިޑްރޭޓް ވެ ބޯއަމބުރާގޮތް ވުމެވެ. ޑީހައިޑްރޭޝަން އިން ސަލާމަތްވުމަށްޓަކައި ހާރުގަޑީގައި އެކަށީގެންވާ ވަރަށް ފެން ބޯކަން ޔަގީންކުރުން މުހިންމެވެ. ހާރުގަޑީގައި އެކި ވަޤުތަށް ބަހަލައިގެން މަދުވެގެން 2-3 ތަށި ފެން ބޯން އަމާޒު ހިފާށެވެ.
ހާރުގެ ކެއުމަކީ ވަރަށްވެސް ބަރަކާތްތެރި ގަދަވެގެންވާ ސުންނަތަކަށްވާ ކެއުމެއްކަމުން މި ކެއުން ދޫކޮށް ނުލާށެވެ. އެގަޑިއަކީ އެންމެނަށް ކާން ފަސޭހަ ވަޤުތަކަށް ނުވުން އެކަށީގެންވެއެވެ. އެހެނަސް 3 އޮށް ކަދުރާއި މަދުވެގެން 2 ތަށި ފެނުންވެސް ފުދޭނެއެވެ. ބޮޑުކެއުމެއް ކާން ލާޒިމެއް ނޫނެވެ. މުހިންމީ މަތީގައި ދެންނެވުނު ފަދަ މާއްދާތަކާއި ކާނާތައް އެކުލެވޭ ކެއުންތަށް އިޚްތިޔާރުކުރުމެވެ.
[…] ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިމުމަކަށް އަންނައިރު އެކި މީހުންގެ ހާރުގަޑީގެ ކެއުމުގެ ނިޒާމް ވަރަށް ތަފާތުކަން ފާހަގަކުރެވެއެވެ. ބައެއްމީހުން ބަތްޕެން ތައްޓަކުން ފުއްދާލާއިރު، އަނެއްބައި މީހުން ރޮއްޓާއި ރިހައާއި ފިހުނު މަސް ފަދަ ކެއުންވެދް އިޚްތިޔާރު ކުރެއެވެ…. އިތުރަށް ވިދާޅުވޭ […]