ހުޅުމާލެ މަގުމަތީ ބަހައްޓާފައި ހުންނަ ވެހިކަލްތައް ނަގައިގެން އެޗްޑީސީގެ މުވައްޒަފުން ވިއްކާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މި ނޫހަށް މައުލޫމާތު ދިން ވެހިކަލް ގަތް ފަރާތަކުން ބުނީ އަމީން އެވެނިއު ކައިރީ އަލަށް ހަދާފައި އޮންނަ މަގުގައި އޮތް ކަޅުކުލައިގެ ކާރެއް ވިއްކާ ކަމަށް އެޗްޑީސީގެ މުވައްޒަފަކު އޭނާގެ ގާތު ބުނި ކަމަށެވެ.
“ އަހަރެން ބުނެފިން 3500 ރުފިޔާއަށް ވިއްޔާ ނަގާނަމޭ. ދެން ރީތި ގަސް މަގަށް މިބުނި ކަޅު ކާރު ޑެލިވަރީ ކުރީ އެޗްޑީސީގެ ޑަމް ޓްރަކެއްގައި ގެންގޮސް އެޗްޑީސީގެ ފޯކްލިފްޓެއް ބޭނުންކޮށްގެން” އެމީހާ ބުންޏެވެ.
އެގޮތުން މި ކާރު ޑެލިވަރީ ކުރުމުގައި އެޗްޑީސީގެ ކާރޑު އެޅި ހަތަރު މުވައްޒަފުން ތިބި ކަމަށާއި މިފަދަ އިތުރު ވެހިކަލް ބޭނުންނަމަ ލިބިދާނެ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.
އަދި ހުކުރު ދުވަހު ސަހަރާ ބިއްދޮށުގައި އޮތް ދެ ވެހިކަލްވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އެޗްޑީސީގެ މުވައްޒަފުން ބުނި ކަމަށް އެ މީހާ މައުލޫމާތުދިނެވެ.
ވިއްކާލި ކަޅު ކާރުގެ ވެރި ފަރާތުން މިހާރު ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މިކަމުގައި އެޗްޑީސީން އަމަލުކޮފައިވާ ގޮތުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށްވެސް ވެރިފަރާތުން ބުނެއެވެ.
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ނަމަވެސް އެފަދަ އުޅަނދު ނަގައިގެން އޮންނަ އުސޫލުގެ ތެރެއިން ނައްތާލުމަކީ އެޗްޑީސީއަށް ކުރެވިދާނެ ކަމެއް ނަމަވެސް
ރައްޔިތެއްގެ މުދާ ނަގައިގެން ވިއްކާ މަންފާ ހޯދުމުގެ އެއްވެސް ހުއްދައެއް އެޗްޑީސީއަށް ނޯންނާނެއެވެ.