މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ދޯނީގައި ރޯވެ 4 ފަޅުވެރިންނާއެކު ދޯނި އަޑިއަށް ގޮސްފިއެވެ.
އެގޮތުން އަލިފާން ރޯވެފައިވަނީ ލ.މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު “ނޫރު-2” ނަމަކަށްކިޔާ ދޯންޏެއްގަ އެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށެވެ.
އެ މައުލޫމާތާއިއެކު ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ނަމަވެސް އެ ދޯނިން ދަތުރުކުރި 4 ފަޅުވެރިން ވަނީ ކަނޑުމަތީން ފެނިފައި ކަމަށާއި ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށް ވެސް މައުލޫމާތުދިނެވެ. މި މީހުން ފެނުނީ މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ނެވެ.
އެމްއެންޑީއެފްގެ އުޅަނދަށް ފެނިގެން އެމީހުން މިހާރު ވަނީ އެ އަތޮޅު ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމީހުންނަށް ފަރުވާދެމުންދާއިރު ހާލަތާއި ގުޅޭ ތަފްސީލެއް އެމްއެންޑީއެފް އިން ނުދެ އެވެ.