މާލެ ސިޓީގެ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތްތައް ކުރިއަށް އޮތް ދެހަފުތާތެރޭ ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި، މާލެ ސިޓީގެ ވަރަށް ގިނަ މިސްކިތްތަކުގެ މަސައްކަތް އެއްފަހަރާއި ކުރިއަށްދާ ކަމަށެވެ.
އަދި ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތްތައް ދެ ހަފުތާތެރޭ ނިމޭނެ ކަމަށެވެ.
މިސްކިތްތައް މަރާމާތު ކުރުމުގެ ތެރެއިން މިއަދުވެސް އާ ސަހަރާ މިސްކިތުގެ ސީލިންގ މަރާމާތުކުރުމާއި ލައިޓުތައް ބަދަލުކުރުމުގެ އިތުރުން ފާރު މަރާމާތުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މީގެއިތުރުންވެސް ހުޅުމާލޭގެ އުމަރު ބިން އަލް ޚައްތާބް މިސްކިތުގެ ކުލަލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
އަދި ފުރުގާން މިސްކިތުގައި ހަލާކުވެފައިވާ ޓައިލްސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިސްކިތްތަކުގެ މަރާމާތާއި ގުޅޭގޮތުން މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާ އިރު މިހާރު މިސްކިތްތައް ދަނީ މަރާމާތުކުރެވެމުން ކަމަށާއި، މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިންނެވެ.