ކުރިއަށް އޮތް ރަމަޟާންމަހަަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ލިބޭ ފަރާތްތައް ކަނޑައަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ރަމަޟާންމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައްލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން ވަނީ ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައެވެ.
މިއީ ރަމަޟާން މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓެކެވެ.
މި މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެތައް ރައްޔިތުންނެއް ދިރިއުޅޭއިރު، މިފަދަ ޚިދުމަތެއް ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.