- Advertisement -ad image

މޭޔަރު ވިދާޅުވިގޮތަށް އީދަށް މާލޭގެ މަގުތައް ދިއްލާލައި ޒީނަތްތެރިކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލައިފިއެވެ.

އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަފްލާއެއްގައި މި ގިޑިގެ ތަކާއި ކުލަބޮކިތައް ދިއްލާލެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ބޮކިތައް ދިއްލާލުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢިދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މުސްލިމުންނަށް އަންނަ އެންމެ ޚާއްސަ ދެ މުނާސަބަތަކީ އަޟްޙާ ޢީދާއި ފިތުރު ޢީދު ކަމަށްވީނަމަވެސް އެހެން މުހިންމު ދުވަސްތައް ކުލަބޮކިން ޒީނަތްތެރި ކުރާއިރު، އިސްލާމުންނަށް އެންމެ މުހިންމު މުނާސަބަތުތައް މިފަދައިން މީގެ ކުރިން ޒީނަތްތެރި ކުރެވިފައިނުވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.


މިއާއިއެކު މޭޔަރ ވިދާޅުވީ އެންމެ އިސްކަން ދޭންޖެހޭނީ ދެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ކަމަށާއި، އެހެން ކަމުން މާލެސިޓީ ކައުންސިލުން އަޟްޙާ ޢީދަށް މަރްޙަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި މިފަދަ އިސްލާމީ ޝިޢާރުތައް ފާހަގަކުރާގޮތަށް މާލެ ސިޓީ ކައުންސިލުންވެސް ރަސްމީ ޖަލްސާގައި މަޝްވަރާކޮށް މިގޮތަށް މާލެސިޓީ ޒީނަތްތެރިކުރުމަށް ނިންމެވީ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ ޚާއްޞަ އެއްކަމަކީ އުޟްހިޔާ ކަތިލުން ކަމުގައިވާތީ މާލެ ސިޓީ ކައުންސިލުން ޢީދު ދުވަހު ޢީދު ނަމާދަށްފަހު އުޟްހިޔާ ކަތިލުން އޮންނާނެ ކަމަށާއި، ރައްޔިތުންނަށް އުޟްހިޔާ ހަދިޔާ ކުރާނެކަންވެސް މޭޔަރ ވަނީ އިޢުލާނު ކުރައްވާފައެވެ.

މޭޔަރ ގެ ވާހަކަފުޅުގައި ވަނީ އެންމެހާ ރައްޔިތުންނަށް ޙައްޖު ދުވަހުގެ ހެޔޮ ދުޢާ އާއި އަޟްޙާ ޢީދުގެ ތަހުނިޔާ ދަންނަވާފައެވެ. މޭޔަރ ވިދާޅުވީ މި ޢީދަކީ މާލެސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށާއި، އަދި މާލެސިޓީ އަށް ޒިޔާރަތްކުރާ ހުރިހާ ރައްޔިތުންނަށްވެސް އުފާވެރި ޢީދަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ.

ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ “ޢީދު މުބާރަކް” ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.

ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒާއި ކައުންސިލްގެ ބައެއް މެމްބަރުން އަދި އާންމުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ “ޗާލު މާލެސިޓީ” އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ