ކުރީގެ ރައީސް ޔާމީންއަށް އަބަދު ވެސް ވަފާތެރިވާނެ ކަމަށް މާލޭގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ މީޑިއާތަކަށް މިރޭ ދެއްވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ މިއަދަކު ނޫނީ އިއްޔެއަކު ރައީސް ޔާމީނަށް ސަޕޯޓް ކުރި މީހެއް ނޫން ކަމަށާއި ރައީސް ޔާމީނަށް ތާއީދު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން ވެސް ރައީސް ޔާމީން ފެނިވަޑައިގަތީ ވަރަށް ކަމުދާ، ކެރޭ ޝަހްސިއްޔަތެއްގެ ގޮތުގައި ކަމަށެވެ
“އަޅުގަނޑު ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން ވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓް ވަޒީރުންނާއި އިސްވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތެއްގެ ގޮތުގައި އޭރުގަ ޔާމީން އަޅުގަނޑަށް ފާހަގަ ވެގެން ދިޔައީ.” މުއިއްޒު ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އަދާލަތު ޕާޓީއާއި ޕީޕީއެމްއާއި ކޯލިޝަން ހެދުމަށް ވެސް ރައީސް ޔާމީނާއި އެޕާޓީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އެމަނިކުފާނުގެ ތާއީދު އޮތުމުގައި އެއްވެސް “ކޮންޑިޝަނެއް” ނޯންނާނެ ކަމަށާއި އޮންނަނީ “އަން ޑިވައިޑެޑް ލޯޔަލްޓީ” އެއް ކަމަށް މުއިއްޒު ވަނީ އެ މެސެޖުގައި ވިދާޅުވެފައެވެ.