ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ދެ ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަނުން ބުނެފިއެވެ.
އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ދެ ވަނަ ބުރުގައި ވޯޓު ލާން ބޭނުންވާ މީހުންނަށް، ރީ-ރަޖިސްޓްރީކުރަން ދޭނީ ދެ ދުވަސް ކަމަށެވެ.
އެގޮތުން މިހާރު ނިންމާފައި އޮތީ، މި މަހުގެ 16-17ގައި ރީ-ރަޖިސްޓްރޭޝަން ކުރިއަށްް ގެންދިއުމަށް ކަމަށާއި ނަމަވެސް، އެކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާ ގެޒެޓްގައި ވެސް ޝާއިއު ކުރާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ދެ ވަނަ ބުރެއް ބާއްވަން ޖެހެ އެވެ. އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އިއްޔެގެ އިންތިހާބުން 46 އިންސައްތަ ލިބިވަޑައިގެންނެވި އިދިކޮޅު ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒާއި 39 އިންސައްތަ ލިބުނު އެމްޑީޕީގެ ކެންޑީޑޭޓު އިބްރާހިމް މުހައްމަދު ސާލިހެވެ.



