- Advertisement -ad image

ޑރ މުއިއްޒުގެ މެނިފެސްޓޯ ކޮޕީކޮށް، މާލޭގައި ދިރިއުޅޭ އެންމެނަށް ގޯއްޗާއި ފްލެޓްދޭން ރައީސް ސާލިހު ވައުދުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލެ އިން ގޯއްޗާއި ފްލެޓު ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޑރ މުއިއްޒުގެ މެނިފެސްޓޯގެ ވައުދެއްވެވަޑައިގެންފިއެވެ.
ގަލޮޅުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް 19000 މީހުންނަށް ގޯތި އަދި 16000 މީހުންނަށް ފުލެޓް ދޭން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ތިބި އިރު، އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުން ކަމަށެވެ.

“އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،” ރައީސް ވިދާޅުވިއެވެ.
ރައީސް އައު ވައުދެއް ބޯހިޔާވަހިކަމަށް މިރޭ ވެވަޑައިގެންނެވިއިރު ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ރޭ އިއުލާން ކުރައްވަމުން ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވަނީ ގްރޭޓާ މާލޭ އޭރިއާއަށް ޚާއްޞަކޮށް މި ސަރަހައްދުން 65،000 ގެދޮރު ޔަގީންވާނެ ގޮތަށް ބޮޑު މަޝްރޫޢެއް ހިންގަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި އެ ޕްލޭން ނިމިގެން އަންނައިރު އެކަމަށް އެދޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯތި ނުވަތަ އެޕާޓުމެންޓު ލިބިގެންދާނެ ކަމަށް ޑރ މުއިއްޒު އިއުލާނު ކުރެއްވިއެވެ.
ގެދޮރު އިމާރާތްކުރުން ފަސޭހަ، ޚާއްޞަ ސްކީމެއް

ބިމެއް ނުވަތަ ގޯއްޗެއް ލިބި ގެދޮރު ބިނާނުކުރެވި ތިބި ހުރިހާ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް އެހީތެރިވުމަކީ ޕީޕީއެމް މެނިފެސްޓޯގެ މުހިއްމު އެއް ސިޔާސަތެވެ. އެގޮތުން 5 އިންސައްތައިގެ އިންޓަރެސްޓު ރޭޓުގައި ބޭންކުން ލުއި ލޯނު ގެދޮރުވެރިކަމަށް ދޫކުރަން ނިންމާފައިވެއެވެ.

މި ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށްވެސް ސަރުކާރުގެ ޚާއްޞް ސްކީމެއް ޤާއިމުކޮށް ގޯތީގައި ގެދޮރު ބިނާކުރަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެދޮރު ބިނާކޮށްދީ ގެއާއެކު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ސަރުކާރުން ހިންގާނެއެވެ.

ގޯތި ލިބި ގެދޮރު ބިނާކުރަން ފަށައި ގެދޮރު ނުނިންމި ހުރި ފަރާތްތަކަށް ގެދޮރު ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެހީތެރިވުމަށް ޚާއްޞަ ސްކީމެއް ތައާރަފުކުރާނެކަމަށް އެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ