އިސްރާއީލުގެ ޒަޔަނިސްޓުންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު ފޭސްބުކް ގައި ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަނުގެ ރައްޔިތުން ރަށުން ބޭރުކޮށް، އަޅުވެތިކޮށް އެމީހުންގެ ގެދޮރު ސުންނާފަތިކޮށް، މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑައި، އެންމެ ފަހުން ޣައްޒާގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން، އަސާސީ ހުރިހާ ޙައްޤަކުން މަޙްރޫމުކޮށް، އަލިފާނުގެ އަނދަވަޅެއްގައި ހައްޔަރުކޮށް، ޤަތުލުޢާންމު ހިންގަމުންދާ ޒަޔަނިސްޓް ޔަހޫދީންނާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ހަނގުރާމަ ފެއްޓުމުން މުޖާހިދުންގެ ޙަމަލާތަކުން ފިލައި އަމާންކަން ހޯދުމަށް ޔަހޫދީން އަންނަ ތަނަކަށް ރާއްޖެ ވެގެން ނުވާނެ ކަމަށެވެ.
އަދި ޒަޔަނިސްޓު ދައުލަތުގެ ޕާސްޕޯޓު އޮތް މީހުންނަށް ވިސާދިނުން ހުއްޓާލަންޖެހޭ ކަމަށްވެސް ޝެއިޚް ސަމީރު ވަނީ ވިދާޅުވެފަ އެވެ.
ޝެއިޚް ސަމީރު މިފަދައިން ވިދާޅުވެފައި ވާއިރު އިސްރާއީލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށައަޅައިފައެވެ.
ޔަހޫދީ އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަަށް ފަލަސްތީނުގެ 2670 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މިހަމަލާތަކުގައި ނުވަ ހާހަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.



