ފަލަސްތީނުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ދައްކައިދިނުމަށް، މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
މި އެ ހަރަކާތް އިންތިޒާމު ކުރާ “އާންމުންގެ ޖަމިއްޔާ”އިން ބުނީ ބޮޑު ހިނގާލުން ފަށާނީ މިރޭ 8:00 ގައި މާލޭ ރަސްފަންނު ސަރަހައްދުން ކަމަށެވެ. އެ ހިނގާލުމުގައި ބައިވެރިވުމަށް ހުރިހާ ދިވެހިންނަށް އެ ޖަމިއްޔާއިން ވަނީ ދައުވަތު ދީފަ އެވެ.
ފަލަސްތީނު މިނިވަންކޮށް، ގައްޒާ ސަލާމާތް ކުރުމަށާއި، އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން ބޭން ކުރުމަށް އެ ހިނގާލުމުގައި ގޮވާލާނެ އެވެ.
މި މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލައި، ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް ވެރިރަށް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް ހަރަކާތްތައް ހިންގި އެވެ. އެގޮތުން މާލޭގައި ސައިކަލު ބުރަކާއެކު ބޮޑު އެއްވުމެއް އެދުވަހު ވެސް ބޭއްވި އެވެ.
ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ދިވެހިންގެ ފަރާތުން ހިންގަމުން އަންނަ އެކި ހަރަކާތްތަކުގެ ތެރެއިން ދިވެހި ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ގާއިމުކޮށްފައިވާ ފަންޑަށް 15 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފަ އެވެ.



