އިސްރާޢީލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގޮވާލާ އެތަށް ހާސް ދިވެހިންނެއް އަޑުއުފުލައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ހޯދައިދިނުމަށް ގޮވާލާ ބޭއްވި ސުލްޙަވެރި މި ހިނގާލުން އިންތިޒާމުކޮށްފައިވަނީ އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ، ރައިޓް މޫވްމަންޓްގެ ފަރާތުންނެވެ.
މި ހިނގާލުން ކުރިއަށް ގެންދިޔައީ މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުން ފަށައިގެން، ހެންވޭރު އަރޓިފިޝަލް ބީޗަށެވެ. މި ހިނގާލުމުގައި ކުޑަކުދިންނާއި ޒުވާނުން ހިމެނޭހެން، ހުރިހާ ޢުމުރުފުރައިގެ މީހުން ބައިވެރިވިއެވެ.
މި ހިނގާލުމުގެ މަޤުޞަދަކީ ފަލަސްތީނުގެ މިނިވަންކަމަށް މުޅި ދިވެހިރާއްޖެ އަޑުއުފުލާކަން ދުނިޔެއަށް ދައްކާދިނުމެވެ.
މި ހިނގާލުން އިންތިޒާމު ކުރި ރައިޓް މޫވްމަންޓުން ބުނީ މިގޮތަށް ހިނގާލުމެއް އިންތިޒާމު ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އިސްރާއީލްގެ ޕާސްޕޯޓް “ބޭން”ކުރަން ސަރުކާރަށް ސުލްހަވެރިކަމާއެކު ގޮވާލުން ކަމަށާއި މިއީ މުސްލިމު ޤައުމެއްގެ ގޮތުގައި މިވަގުތަށް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި 4000އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ. މީގެތެރޭގައި ހާހެއްހާ ކުޑަކުދިންވެސް ހިމެނެއެވެ.



