އަބަދުވެސް އެންމެ ފުރަތަމަ ރާއްޖެ އަދި އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން ކަމަށާއި އެހެން ގައުމަކާ ވަކި އެއްކޮޅެއް ވެސް ނޫނީ ދެކޮޅެއް ވެސް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއޫއެއްގައި ޑރ މުއިއްޒު ވިދާޅުވީ، ދުނިޔޭ ބޮޑު ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާ އިން ސަރަހައްދީ ގަދަހިފުމެއްގައި އުޅޭ އިރު، އެކަމުގެ ތެރޭގައި މި ކުޑަ ކުޑަ ރާއްޖެ ފިތެން ބޭނުންފުޅު ނުވާ ކަމަށެވެ.
އިންތިހާބީ ރައީސް މުއިއްޒު ސިފަ ކުރައްވާ ގޮތުގައި ހިމާލަޔާ ބޯޑަރު މައްސަލާގައި ޗައިނާ އާއި އިންޑިއާއާ ދެމެދު މަސްރަހު ހޫނުވެފައިވަނިކޮށް، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ، ރާއްޖެ ބޮޑު ނުރައްކަލަކަށް ހުށަހެޅުމެވެ.
ޑރ މުއިއްޒު ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ޒަމާންވީ ކޯޅުމުގެ ތެރެއަށް ވަންނަ ވަރަށްވުރެ ރާއްޖެ މާ ކުޑަ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާއާއެކު ރައީސް ސާލިހުގެ ސަރުކާރުން މި ނިމޭ ފަސް އަހަރު ހަދާފައިވާ ހުރިހާ އެގްރީމެންޓްތައް ބަލާ ދިރާސާ ކުރަން އެމަނިކުފާން ބޭނުންފުޅުވާ ކަމަށެވެ.
“އަޅުގަނޑަކަށް ނޭނގެ އެ އެގްރިމެންޓްގައި ހުރި އެއްޗެއް. މަޖިލީހުގެ ބަހުސްތަކުގައި ބައެއް މެމްބަރުން ވެސް ވިދާޅުވި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އެކަން ބެލޭނެ،” މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިންޑިއާ ސަފީރާވެސް ބައްދަލު ކުރައްވާފައެވެ.
ޑރ މުއިއްޒު ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށް ވަރަށް ސާފުކޮށް އިންޑިއާ ސަފީރަށް ދެންނެވި ކަމަށެވެ.