އިންޓަރނޭޝަނަލްް އެއިޑް ކޭމްޕްގެ “ ޣައްޒާ އެމަރޖެންސީ ރިލީފް ފަންޑު 2023 “ އަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އައިއޭސީން ހާމަކޮށްފިއެވެ.
އެގޮތުން އައިއޭސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 28 އޮކްޓޯބަރުގެ ނިޔަލަށް ޣައްޒާ ރިލީފް ފަންޑަށް ވަނީ 23،987،108 (ތޭވީސް މިލިއަން ނުވަލައްކަ އަށްޑިހަ ހަތްހާސް އެއް ސަތޭކަ އަށް) ރުފިޔާ ލިބިފައިވެއެވެ.
އަދި ޑޮލަރުގެ ގޮތުގައި މި މުއްދަތުގައި 13،023 (ތޭރަހާސް ތޭވީސް) ޑޮލަރު އައިއޭސީއަަށް ލިބިފައިވެއެވެ.
މިމަހު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އެގައުމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެއާއެކު, އެމީހުންގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާއްމުންނަށް އަމާޒުކުރަމުންދާއިރު, ހަނގުރާމައިގެ ސަބަބުން އެތައް ހާސް މުސްލިމުން ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވެ ބިކަ ހާލުގައި ޖެހިފަ އެވެ.



