ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލަ އަށް ހައްލެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ވެސް ތަދައްހުލްވާން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނަޝީދު ވަކިކުރުމުގެ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ޕީޕީއެމް/ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމައިފައި ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވާން ނިންމައިފައެވެ.
ނަޝީދުގެ މައްސަލަ މަޖިލިހުގެ މި ހަފްތާގެ ޖަލްސާތަކަށް އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަކަަށް ނުގެންދެވެއެވެ. އެއީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީއެވެ. މަޖިލިހުގެ އިދާރާ އިން ނިންމާފައިވާ ގޮތުގައި ނަޝީދުގެ ވަކިކުރުމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލިހުގެ ނައިބު ރައީސެވެ. ނަމަވެސް އެމްޑީޕީން އެކަން ގަބޫލެއް ނުކުރެއެވެ. އެމްޑީޕީން ބުނަނީ މަޖިލިހުގެ ގަވައިދުގައިވާ ގޮތަށް މަޖިލިހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ކަނޑައަޅާފައި އޮންނަ އިރު، އެއިން މެމްބަރަކަށް މަޖިލިހުގެ ރިޔާސަތުގައި އިނދެގެން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސްޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 އަކަށް ތާވަލުކޮށް އަޑު އެހުމަށް ޗިޓުވެސް ފޮނުވާފައެވެ.



