ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އިތުރު އާއިލާތަކަކަށް ދިވެހިންގެ ފަރާތުން އަނެއްކާވެސް ފައިސާގެ އެހީދީފިއެވެ. މިފަހަރު ފައިސާގެ އެހީދީފައިވަނީ 200 އާއިލާއަކަށެވެ.
މި އެހީތެރިކަން ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައިވަނި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.
އެ ޖަމިއްޔާއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ “ޣައްޒާ އެމަރޖެންސީ ރިލީފް” ފަންޑުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ 200 އާއިލާ އަކަށް 500 ޔޫއެސް ޑޮލަރުގެ މަގުން އެހީ ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެ ފައިސާ ބަހާފައި ވާނީ ދޭރް ބަލަޙްގެ ހިސާބުގައި ދިރިއުޅޭ ޣައްޒާގެ ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ކަމަށެވެ. އެހިސާބުގައ ޣައްޒާގެ ރައްޔިތުގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައްވެސް ހުރުމާއިއެކު، މިފައިސާގެ ބޭނުން ހިފި، އެ ރައްޔިތުންނަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެން ދާނޭކަމަށް އައިއޭސީން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އޮކްޓޫބަރު މަހުވެސް 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން އެއްލައްކަ ޑޮލަރު އައިއޭސީން ވަނީ ބަހާފައެވެ.
މީގެއިތުރުން އައިއޭސީން ބުނީ އެކި ކަހަލަ ޒަހަމްތައް ލިބިފައިވާ ކުޑަކުދިންނަށް ޒިޔާރާތްކޮށް އެކުދިންނާ ވާހަކަ ދައްކާލާ އުފާކޮއްލަދެވޭތޯ މަސައްކަތް ކުރާ ކަމަށާއި އެގޮތުން މިފަހަރުވެސް އަޤްސާ ހޮސްޕިޓަލްގައި 700 ކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭސާމާނު ބަހާފައިވާ ކަމަށެވެ.
އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް 10000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.



