- Advertisement -ad image

އިތުބާރު ނެތްކަމުގެ ގަރާރެއް އޮތަސް ޤާނޫނު އަސާސީ ލާޒިމުކުރާކަންކަން ކުރިޔަށް ގެންދެވޭނެ: ސުޕްރީމްކޯޓް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން މަޖލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގައި ރިޔާސަތު މަޖިލީހުގެ ނައިބް ރައީސް ނޫން މެމްބަރުންނަށް ވެސް ބެލެހެއްޓޭނެކަމަށް ސުޕްރީމްކޯޓުން ޙުކުމްކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށައެޅި ޤަރާރު، މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިޔަށް ނުގެންދިވާތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅީ އެމްޑީޕީންނެވެ.

އެ މައްސަލަ ނިންމަވާ ސުޕްރީމް ކޯޓުން މިއަދު ކުރެއްވި ހުޙުކުމްގައިވަނީ މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަންޖެހޭ 5 މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައި އެހެން އޮންނަ އޮތުމަކީ އެ ފަދަ މައްސަލައެއް ދިމާވެ މަޖިލިސް ޤާނޫނީ ހުސްކަމަށް އަޔަ ނުދިނުމަށް އޮތް ހައްލެއްކަމަށްވެސް ސުޕްރީމްކޯޓްގެ ޙުކުމްގައި ވެއެވެ.

މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީއާ ހިލާފު ނިންމެވުމެއް ކަމަށެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށައަޅާފައިވާ ގަރާރެއް މަޖިލީހުގައި އޮއްވާ މަޖިލީހުގައި އެހެން އެއްވެސް ކަމެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް މަޖިލީހުގައި ގަވައިދާ ހަވާލާދީ މައްސަލަ ހުށައެޅި އެމްޑީޕީން ވަނީ އެދިފައެވެ.

މި ހުށައެޅުމާއި ގުޅިގެން ސުޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުގައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން މަޖލީހުގައި ކުރިޔަށް ނުގެންދެވޭނީ ބަހުސްއާއި ކަމެއް ފާސްކުރުންއެކަނިމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން މަޖލީހުގައި ކުރިޔަށް ގެންދަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުން އިއްވި ޙުކުމްގައި ވިދާޅުވިއެވެ. އެގޮތުން ބަޖެޓް ފާސްކުރުމާއި ރައީސް ހުވާކުރެއްވުމާއި ވަޒީރުންނަށް ރުހުން ދިނުން ކުރިޔަށް ގެންދިޔުމަށް ހުރަހެއް ނެތްކަންވެސް ޙުކުމްގައިވެއެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

އަދި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއާއި ހަވާލާދީ އެމްޑީޕީން ބުނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން މަޖިލީހުގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ