- Advertisement -ad image

އިތުބާރު ނެތް މައްސަލައިގެ ޤަރާރު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް: އުޝާމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް ޖަލްސާ ފެއްޓެވުމާއެކު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ނަޝީދު ވަކިކުރަން ހުށައަޅާފައިވާ ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށް ވިދާޅުވެފައެވެ. އަދި ގަރާރު އިސްލާހުނުކޮށް އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި، ރިޔާސަތުން އެކަން ބެލުމަށް އާޒިމް ގޮވާލެއްވި އެވެ.
އާޒިމްގެ އެ ވާހަކަތަކަށް ރައްދުދެއްވާ އުޝާމް ވަނީ ނަޝީދު ވަކިކުރާ ގަރާރު ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ ގަރާރަކީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަޔަށް އޮތް ގަރާރެއްކަން ވެސް އޭނާ ބަޔާންކޮށްދެއްވި އެވެ.
އެގޮތުން އުޝާމް ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާން ކުރާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތުގެ ދެ ގަރާރެއް ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގަރާރާއި ގާނޫނޫ އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތެއްގެ ގަރާރުކަން އުޝާމް ފާހަގަކުރެއްވި އެވެ. އެއާއެކު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރަކީ މުޅީން ތަފާތު އިޖުރާއަތްތަކެއްގެ ހިނގާނެ ގަރާރު ކަމަށެވެ.
އެގޮތުން ގަވާއިދުގެ 167 ވަނަ މާއްދާއާ ހަވާލާ ދެއްވައި އުޝާމް ވިދާޅުވީ އެއީ މަޖިލީހުގެ މެމްބަރެއް ކަމެއްގައި ދެކޭގޮތް ހުށައަޅާ ބާވަތުގެ ގަރާރުކަމަށެވެ. އަދި އެކަމަށް ގަވާއިދުގައި އޮންނަ އިޖުރާއަތަކީ ބިލެއް ހުށަހެޅުމުން އޮންނަ އިޖުރާއަތު ކަމަށެވެ.
އެގޮތަށް ހުށައެޅޭ ގަރާރު ބިލެކޭ އެއް ފަދައިން، ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސްގެ މަރުހަލާއެއް އޮވެ އެވެ. އެ ފަހުން ތަޅުމަށް ގަރާރު ބަލައިގެންފިނަމަ، ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވާ، ދިރާސާއަށްފަހު، ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް ވޯޓަކުން ގޮތެއް ނިންމާނެކަމަށް އުޝާމް ވިދާޅުވި އެވެ.
އެއާއި ޚިލާފަށް ނަޝީދު ވަކިކުރުމަށް ހުށައަޅާ ގަރާރަކީ ތަފާތު ގަރާރެއް ކަމަށާއި، މަޖިލީހުގެ ގަވައިދުގެ ތެރެއިން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ގަރާރާއި ގުޅޭގޮތުން މަޖިލީހުގައި ހޫނު ބަހުސެއް ކުރެވިފައިވާއިރު، އެންމެފަހުން ރިޔާސަތުން ނިންމީ އެ ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށެވެ. އަދި ރިޔާސަތުން ވަނީ އެ ގަރާރު މަޖިލީހުން ބޭރުކޮށް މިއަދުގެ ޖަލްސާ ނިންމާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ